ބިލަބޮންގް ބަލިކޮށް ޖަމާލުއްދީން ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފި

އިންޓާ ސްކޫލް ކްރިކެޓް މުބާރާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓާ ސްކޫލް ކްރިކެޓް ލީގުގައި 12 އަހަރުން ދަށުގެ އުމުރު ފުރައިން އިއްޔެ ބިލޮބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ބަލިކުރުމަށް ފަހު ޖަމާލުއްދީން މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ދެވަނަ ޑިވިޝަން ކްރިކެތް މުބާރާތުގެ މެޗަށް އިއްޔެ އިންޓަރ ސްކޫލް މުބާރާތް މެދުކަނޑާލާފައިވާ އިރު، ބުރާސްފަތި ދުވަހު ބިލަބޮންގާ ދެކޮޅަށް ޖަމާލުއްދީން ކުޅުނު މެޗު އެ ޓީމް ކާމިޔާބު ކުރީ 19 ލަނޑުންނެވެ. މެޗުގައި އަށް އޯވަރުގެތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ބިލަބޮންގް 49 ލަނޑު ހެދި އިރު، ޖަމާލުއްދީން ވަނީ ދެ ކުޅުންތެރިން ނުބައިވެ އަށް އޯވަރުގެތެރޭ 68 ލަނޑު ހަދައިފަ އެވެ.

ބުރާސްފަތި ދުވަހު ކުޅުނު 12 އަހަރުން ދަށު އުމުރުފުރާގެ ދެވަނަ މެޗުގައި މަޖީދިއްޔާ ސްކޫލާއި ބައްދަލުކޮށް އިމާދުއްދީން ވަނީ މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދާފަ އެވެ. އެ މެޗު އިމާދުއްދީން ކާމިޔާބު ކުރީ އަށް ވިކެޓުންނެވެ. މަޖީދިއްޔާ އަށް އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 49 ލަނޑު ހެދިއިރު، ދެ ކުޅުންތެރިން ނުބައިވެގެން އިމާދުއްދީން ވަނީ 4.1 އޯވަރު ގައި 54 ލަނޑުހަދައިފަ އެވެ.

އިންޓާ ސްކޫލް ކްރިކެޓް މުބާރާތުގެ 14 އަހަރުން ދަށު އުމުރުފުރާގައި، ބުރާސްފަތި ދުވަހު މުހިޔިއްދީން އާއި ބައްދަލުކޮށް ޖަމާލުއްދީން ވަނީ ހަ ވިކެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގައި 10 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން މުހިޔިއްދީން 82 ލަނޑު ހެދި އިރު، ދެ ކުޅުންތެރިން ނުބައިވެ ޖަމާލުއްދީން ވަނީ 10 އޯވަރުގައި 83 ލަނޑު ހެދާފަ އެވެ.

14 އަހަރުން ދަށު އުމުރު ފުރާގައި ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗުގައި، ގިޔާސުއްދީން އާއި ބައްދަލުކޮށް އިމާދުއްދީން ވަނީ ހަތް ވިކެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 10 އޯވަރުގެތެރޭ ގިޔާސުއްދީން ދެ ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހެދި އިރު، އިމާދުއްދީން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 10 އޯވަރުގައި 94 ލަނޑު ހަދައިފަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާ ހަމައެކަނި ސްކޫލަކީ ތަޖުއްދީނެވެ. އަދި އިއްޔެ އިމާދުއްދީނާ ވާދަކޮށް ބަލިވި ގިޔާސުއްދީން މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެފައިވާ އިރު، މުހިއްދީނާއި ޖަމާލުއްދީން އަދި އިމާދުއްދީން ވަނީ ކޮންމެ ސްކޫލެއް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

އިންޓާ ސްކޫލް ކްރިކެޓް ލީގުގެ 12 އަދި 14 އަހަރުން ދަށުގެ އުމުރުފުރާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އާދިއްތަ އަދި ހޯމަ ދުވަހު އެވެ. އަދި ހޯމަ ދުވަހު މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ވެސް ފަށަން ހަމަޖެހިފައިވާ އިރު، ހުރިހާ އުމުރުފުރާއެއްގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައެވެ.

comment ކޮމެންޓް