އަަންނަމަހު ގދ. ތިނަދޫގައި ބާއްވަން ހަމަޖައްސާފައިވާ 5 ވަނަ މަކިޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި 13 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
އެސޯސިއޭޝަނުން ބުނީ އަންނަމަހުގެ 21-25ން ބާއްވަން ހަމަޖައްސާފައިވާ މުބާރާތުގައި އެންމެ ގިނަ ޓީމުތައް ބައިވެރިވެފައިވަނީ ފުވައްމުލަކުން ކަމަށެވެ. އެރަށުން 5 ސްކޫލެއް ވަނީ ބައިވެރިވެފައެވެ. އައްޑުއަތޮޅުން ދެ ސްކޫލެއް ބައިވެރިވެފައިވާއިރު ގދ. އަތޮޅުން 6 ސްކޫލެއް ވަނީ ބައިވެފައެވެ. މުބާރާތް ބާއްވާ ތިނަދޫން ބައިވެރިވެފައިވަނީ 3 ސްކޫލެކެވެ.
އެހެން ބައެއް މުބާރާތްތަކާ ޚިލާފަށް މިފަހަރުގެ މުބާރާތަށް އުތުރުން އެއްވެސް ތަރުހީބެއް ލިބިފައިނެތްކަން ފާހަގަ ކުރެވެއެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝިހާން ވިދާޅުވީ އުތުުރުން ބައިވެރިނުވި ސަބަބެއްގެ ގޮތުގައި ބެލެވެނީ އަހަރުގެ ކުރީކޮޅަށްވުމުން އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުން ކަމަށެވެ.
މިފަހަރުގެ މުބާރާތުގައިވެސް ހިމެނެނީ 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އަންހެން އަދި ފިރިހެން އުމުރު ފުރާއެވެ.