ދެ އުމުރު ފުރާއިންވެސް ތާޖުއްދީން އެއްވަނައިގައި

މައިލޯ އިންޓަރ ސްކޫލް ކްރިކެޓް ލީގް ---- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ކްރިކެޓް ބޯދުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ކްރިކެޓް ލީގުގައި، 14 އަހަރުން ދަށާއި، 12 އަހަރުން ދަށުގެ އުމުރުފުރާއިން ތާޖުއްދީން ތާވަލްގެ އެއްވަނަ ހޯދައިފިއެވެ.

އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި، ތާޖުއްދީން މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން 14 އަހަރުން ދަށުގެ އުމުރުފުރާގައި އެ ސްކޫލް މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

މުބާރާތުގައި މިއަދު ތާޖުއްދީން ދެ އުމުރުފުރާއިންވެސް މެޗެއް ކުޅެފައި ވާއިރު، 12 އަހަރުން ދަށުގެ އުމުރުފުރާގައި މަޖީދިއްޔާ ސްކޫލާއި ބައްދަލުކޮށް ތާޖުއްދީން މެޗު ކާމިޔާބުކުރީ 68 ލަނޑުންނެވެ. މަޖީދިއްޔާ 8 އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 35 ލަނޑު ހެދިއިރު، ތާޖުއްދީން ދެކުޅުންތެރިން ނުބައިވެގެން ވަނީ 8 އޯވަރުގެ ތެރޭ 103 ލަނޑު ހަދާފައެވެ.

އޭގެ އިތުރުން 14 އަހަރުން ދަށުގެ އުމުރުފުރާއިން މުހްޔުއްދީން ސްކޫލާއި ބައްދަލުކޮށް ތާޖުއްދީން ވަނީ މިއަދު ކުޅުނު މެޗު 10 ވިކެޓުން ކާމިޔާބު ކޮށްފައެވެ. 10 އޯވަރުގެ ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން މުހިއްދީން ވަނީ 59 ލަނޑު ހަދާފައެވެ. ޖަވާބުގައި އެއްވެސް ކުޅުންތެރިއަކު ނުބައި ނުވެ ތާޖުއްދީން ވަނީ 6.4 އޯވަރުގައި 63 ލަނޑު ހަދާފައެވެ.

މިއަދު ކުޅުނު 12 އަހަރުން ދަށު އުމުރުފުރާގެ ފުރަތަމަ މެޗުގައި، އިމާދުއްދީން ސްކޫލާ ބައްދަލުކޮށް މުޔުއްދީން ސްކޫލާ ބައްދަލުކޮށް މެޗު ކާމިޔާބުކުރީ 26 ލަނޑުންނެވެ. އިމާދުއްދީން ސްކޫލް 8 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 44 ލަނޑު ހެދިއިރު، ތާޖުއްދީން ވަނީ 8 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެ 70 ލަނޑު ހަދާފައެވެ.

މިއަދު ކުޅުނު 14 އަހަރުން ދަށު އުމުރުފުރާގެ ދެވަނަ މެޗުގައި، ގިޔާސުއްދީނާއި ބައްދަލުކޮށް ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް މެޗު ކާމިޔާބުކުރީ 24 ލަނޑުންނެވެ. ގިޔާސުއްދީން ސްކޫލް 10 އޯވަރުގައި 6 ކުޅުންތެރިން ނުބައިވެގެން 71 ލަނޑު ހެދިއިރު، ބިލަބޮންގް ވަނީ 10 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެ 95 ލަނޑު ހަދާފައެވެ.

comment ކޮމެންޓް