އާ ގާނޫނުލް އުގޫބާތަކީ ބިރުގަންނަންޖެހޭ އެއްޗެއް ނޫން: އޭޖީ އަނިލް

ބަންޑާރަ ނައިބު އަނިލް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ ގާނޫނުލް އުގޫބާތަކީ މިހާރު ރާއްޖޭގައި ހުރި އެހެން ގާނޫނުތަކަށް ވުރެއް ދަސްކުރަން ފަސޭހަ ގާނޫނެއް ކަމަށާއި އެ ގާނޫނު ދެކެ ބިރުގަންނަން ނުޖެހޭނެ ކަަމށް އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ އިސްނެންގެވުމުގެ މަތިން ފުލުހުންނަށް ހާއްސަކޮށްގެން މިއަދު ބޭއްވި ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމުގެ އެއް ދުވަހުގެ ޕްރޮގުރާމް ނިންމާލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ އެހެން ގާނޫނުތަކަށް ވުރެއް އާ ގާނޫނުލް އުގޫބާތަކީ ބޭނުން ކުރަން ފަސޭހަ އެއްޗެއް ކަމަށެވެ. އަދި ވިދާޅުވީ އާ ގާނޫނުލް އުގޫބާތަށް ފަރިތަކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ގާނޫނުލް އުގޫބާތުގެ ޕްރޮގުރާމް ނިންމާލެއްވުމަށްފަހު ކޮމިޝަނަރު އޮފް ޕޮލިސް އަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިފަދަ ޕްރޮގުރާމަކީ ފުލުހުން ގާނޫނަށް ތަބާވުމަށްޓަކައި އަދި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ފެން ބޮވައިގެންފައިވާ ކަން ދައްކުވައިދިން ދަލީލެއް. އާ ގާނޫނުލް އުގޫބާތަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާނެ ގާނޫނެއް ކަން އަޅުގަނޑުމެން އެންމެން ދެނެހުރީމު. 1960 އިން ފެށިގެން އުފައްދާފައިވާ ގާނޫނުލް އުގޫބާތުގެ ބަދަލުގައި އޭގެ ފަންސާހަކަށް އަހަރު ފަހުން އާ ގާނޫނުލް އުގޫބާތެއް ވަރަށް ގިނަ އާ ކަންތައްތަކާއި އެކު ވަރަށް ގިނަ އާ ވައްޓަފާޅިތަކަކާ އެކީގައި ވުޖޫދަށް އަންނައިރު މަޖިލީހުން ފާސްކުރުމަށްފަހު އަންނަ ހަފްތާގައި މިވަނީ އަމަލުކުރަން ތައްޔާރުވެފައި،" އަނިލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ އާ ގާނޫނުލް އުގޫބާތަކީ މިހާރު ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަށް ވުރެއް "ވަރަށް ތަފާތު" ގާނޫނެއް ކަމަށެވެ. ދުނިޔޭގައި އުޅޭއިރު ކޮންމެ އިންސާނަކު ވެސް އިލްމު އުނގެނެން ޖެހޭނެ ކަމަށާއި ކަންތައްތަކަށް އަހުލުވެރިވާން ޖެހޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ އިސްނެންގެވުމުގެ މަތިން ބޭއްވި ގާނޫނުލް އުގޫބާތަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމްގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަދު ކޮމިޝަނަރު އޮފް ޕޮލިސް އިން ފެށިގެން މިތާ ދެން ތި ތިއްބެވި ބޭފުޅުން ތި ދެއްކެވި މިސާލަކީ އެއީ. އަޅުގަނޑުމެންގެ ތެރޭގައި އަމަލުކުރަންޖެހޭ ގާނޫނުތައް ގަވާއިދުތައް ހޭލުންތެރިވާންޖެހޭ އެކިއެކި އުސޫލުތައް އަބަދު ވެސް އޮންނާނީ އާލާވަމުން އާވަމުން. އެއަށް ފައި ހަމަ ކުރުމަކީ އަޅުގަނޑުމެން މި މުއައްސަސާތަކުގައި އިސްކޮށް ތިބެގެން އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް އެ އެއްޗެއްސަށް އެ ގާނޫނުތަކަށް އަހުލުވެރިވެގެން އަޅުގަނޑުމެންގެ ދަށުން މަސައްކަތް ކުރަމުންދާ އެހެން މީހުންނަށް ރަނގަޅު ހެޔޮ މަގު ދައްކުވައިދެވޭނީ،" އަނިލް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ނޫސްވެރިންނާ ހިއްސާކުރައްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްމިއްޔާތު ނިންމާލެއްވުމަށްފަހު ގާނޫނުލް އުގޫބާތަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ނޫސްވެރިންނާ ހިއްސާ ކުރަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުގެ ލީގަލް ރިސޯސް ސެންޓަރާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ ތަހުގީގު ކުރާ ޑިޕާޓްމަންޓުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ގާނޫނުލް އުގޫބާތާ ގުޅޭ 8 ޕްރޮގުރާމެއް ބާއްވާފައިވާ ކަމަށެވެ. ހަމަ އެއާއެކު އަތޮޅު ތެރޭގެ 7 ޑިވިޝަނެއްގައި 7 ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގުރާމުތަކުގައި ޖުމުލަ 515 ފުލުހުން މިހާތަނަށް ތަމްރީން ކުރެވިފައިވޭ، އޭގެތެރެއިން 120 ފުލުހުންނަކީ ކޮމިޝަން އޮފިސަރުން ހިމެނޭކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކީގައި އަޅުގަނޑުމެން ވާނީ ތިން ދުވަހުގެ ޕްރޮގުރާމްތަކަކާ އެއް ދުވަހުގެ ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފައި،" ޝިފާއު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު