ކަރަންޓު ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ ކިއުގައި ޖެހިއްޖެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ މޭޒުތައް ކައިރީގައި ކަރަންޓު ސަބްސިޑީ ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިއުގައި ޖެހިފައި ވަނީ މާދަމާ އަކީ ސަބްސިޑީ އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަސް ކަމަށް ވާތީ އެވެ. އެންސްޕާއިން ބުނީ ސަބްސިޑީ އަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ މާދަމާގެ ހަވީރު 5:00 ކަމަށެވެ.
އެންސްޕާއިން ބުނީ ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލީ ކަރަންޓް ސަބްސިޑީ ނުދިނުމަށް ނޫން ކަމަށާއި އޭގެ މަގުސަދަކީ ހަރުދަނާ ގޮތުގައި ސަބްސިޑީ ދިނުން ކަމަށެވެ. އަދި މާލެ އާއި އަތޮޅުތެރޭގައި ސަބްސިޑީއަށް ކުރިން ފޯމު ނުލާ ފަރާތްތައް އެބަތިބި ކަމަށާއި އަލުން ސަބްސިޑީއަށް ހުޅުވުމަކީ އެ ފަރާތްތަކަށް ވެސް ލިބޭ ފުރުސަތެއް ކަމަށް އެންސްޕާއިން ވަނީ ބުނެފައި އެވެ.
ކަރަންޓު ސަބްސިޑީ ފޯމު ބަޔަކު މީހުން ހުށަހަޅަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަބްސިޑީއަށް އެދޭ ފޯމު ފުރުމުގައި އެހީތެރިވުމުގެ ގޮތުން މާލޭގެ އެކި ސަރައްހައްދުގައި މޭޒުތައް ބަހައްޓައިގެން ފޯމް ފުރުމުގައި އެހީތެރިވެދޭނެ ކަމަށް އެންސްޕާއިން ބުނެފައިވާއިރު މާލޭގެ ތިން ސަރަހައްދެއްގައި ވަނީ ފޯމު ހުށަހެޅުމަށް މޭޒުތައް ބަހައްޓާފަ އެވެ. އެއީ ޝޯޝަލް ސެންޓަރާއި ފިނޭންސް މިނިސްޓްރީ ކައިރީގައާ ވެލާނާގެ ކައިރީގައި އެވެ.
މާލޭގެ އިތުރުން ކޮންމެ އަތޮޅު ކައުންސިލެއްގަ އާއި ކޮންމެ ރަށު ކައުންސިލެއްގައި އެންސްޕާގެ ފޯކަލްޕޮއިންޓް ގާއިމުކުރެވިފައިވާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
ކަރަންޓު ސަބްސިޑީ ފޯމު ހުށަހެޅުމަށް މިއަދު ވެލާނާގެ ކައިރީގައިބަޔަކު މީހުން ކިއުގައި: ސަން ފޮޓޯ/ ފަޔާޒު މޫސާ
ކަރަންޓު ސަބްސިޑީ ފޯމު ހުށަހެޅުމަށް ގިނަ ބަޔަކު ކިއުގައި ޖެހިފައިވާއިރު ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީގެ ތެރެއިން ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ކަރަންޓު ސަބްސިޑީ މިދިޔަ މަހުން ފަށައިގެން ކަނޑާލަން އެންސްޕާއިން ނިންމުމާ ގުޅިގެން ބައެއް ރަށްރަށުގައި ވިޔަފާރިވެރިން ވަނީ އެކަމާ ގުޅިގެން އިހުތިޖާޖުކޮށްފަ އެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ކަރަންޓް ސަބްސިޑީ ވިޔަފާރިތަކަށް ދެމުން އައިއިރު ވެސް ތަކެތީގެ އަގު ހެޔޮވިގެންދިޔަ ތަން ނުފެންނަ ކަމަށެވެ.