ހޫނު ގަދަވުމާ ގުޅިގެން މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ވޭތުވެދި ތިން އަހަރުގެ ކޮންމެ މޭމަހެއްގައި 14 ޕަސެންޓް އިތުރުވާ ކަމަށް ސެޓެލްކޯ އިން ބުނެފި އެވެ.
ސެޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި އެ ދުވަސްތަކުގެ ފިނިހޫނުމިނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާހަގަކުރެވެނީ ވައި މަޑުވެ ހޫނުމިން އިތުރުވާ ދުވަސްތަކެއް ގޮތުގައި ކަމަށާއި މޫސުމީ އެފަދަ ބަދަލުތަކާ ގުޅިގެން އެ ދުވަސްތަކުގައި މާލޭ ކަރަންޓް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެގެންދާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މާހައުލުގެ ހޫނުމިނަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓް ބޭނުންކޮށްގެން ހިންގާ ގިނަ ތަކެތީގެ ހަރަކާތްތަކަށް އަންނަ ބަދަލާއެކު އެ އެއްޗިއްސަށް ކަރަންޓް ބޭނުންވާ ނިސްބަތް އިތުރުވަމުންދާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ހާއްސަކޮށް އެއަރ ކޮންޑިޝަނާއި ރެފްރިޖަރޭޓަރ ފަދަ ތަކެތިން އާންމުކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުވުވަމުންދާތީ، އިގްތިސާދު ކުރުމުގެ ގޮތުން ކަރަންޓް ހަރަދު ކުޑަކުރުމަށްވެސް އެ ނޫސްބަޔާނުގައި ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.