ލޯކަލް ކައުންސިލް އިންތިހާބު:
ވޯޓު އެއްވަރުވި ފަސް ދާއިރާގެ އިންތިހާބު ބާއްވާ ދުވަސް ރަސްމީކޮށް އިއުލާންކޮށްފި

މި މަހުގެ ފަސް ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުން އެއްވަރުވި ފަސް ދާއިރާއެއްގެ އިންތިހާބު އަންނަ މާޗް މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައި އެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީ އިންތިހާބުގެ އިތުރުބުރެއް ބާއްވަން ޖެހެނީ، ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ހދ. ކުމުންދޫ، ބ. ކިހާދޫ، މ. ވޭވަށް، ގއ. ކޮލަމާފުށީ އަދި ހަތް ކައުންސިލަރުން ހޮވަން ޖެހޭ ބ. ކިހާދޫ ކައުންސިލަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ދައްކާ ގޮތުން ހދ. ކުމުންދޫ ކައުންސިލްގެ އިންތިހާބުގައި ވާދަ ކުރި އެމްޑީޕީގެ މުހައްމަދު އަބްދުލްކަރީމާއި އާދަމް އަލީ ވަނީ 213 ވޯޓުން އެއްވަރުވެފަ އެވެ.
ހަތް މެންބަރުން އިންތިހާބު ކުރަން ޖެހޭ ރ. ދުވާފަރު ކައުންސިލަށް ދެ މެންބަރުން އެއްވަރުވެފައި ވަނީ ޑީއާރުޕީ އާއި އެމްޑީޕީ ކެންޑިޑޭޓެއްގެ މެދުގަ އެވެ. ޑީއާރުޕީގެ ހަސަން އަބްދުއްރަހުމާނާއި އެމްޑީޕީ އާމިރު އަހުމަދު ވަނީ 572 ވޯޓުން އެއްވަރުވެފަ އެވެ.

ބ. ކިހާދޫގައި ތިން ބޭފުޅަކަށް ލިބުނު ވޯޓު އެއްވަރުވެ އެވެ. އެ ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ އަހުމަދު މުސްތަފާ އާއި އަހުމަދު ރަޝީދު އަދި އަމިއްލަ ކެންޑިޑޭޓް، އަލީ ޝަރީފު ވަނީ 79 ވޯޓުން އެއްވަރުވެފަ އެވެ.
މ. ވޭވަށުގައި 90 ވޯޓާ އެކު ފަހެއް އަދި ހަ ވަނަ ހޯދީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު މުސްތަފާ ހުސައިނާއި މަމްދޫހު ވަހީދެވެ.

ޑީއާރުޕީ އަށް އެއް ގޮނޑި ކަށަވަރުވެފައިވާ ގއ. ކޮލަމާފުށީ ކައުންސިލްގެ ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަ ކުރަން ޖެހިފައި ވަނީ އެމްޑީޕީ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. އެމްޑީޕީގެ މުހައްމަދު ރިފްޝާނާއި ރިޔާޒު ހުސައިން ވަނީ 423 ވޯޓުން އެއްވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ދާއިމީ ނަތިޖާ އިއުލާންކޮށްފައިވާ ދާއިރާތަކަށް ހޮވިވަޑައިގަތް ކައުންސިލަރުން ހުވާކުރެއްވުން އަންނަ ހޮނިހިރު ދުވަހު ރަށްތަކާއި ސިޓީތަކުގައި ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން މިހާރު ވަނީ ނިންމަވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު