އިންޓަސްކޫލް ބެޑްމިންޓަން މުބާރާތް: ދެ އުމުރުފުރައަކުން މޭނާ ސްކޫލް ޗެންޕިއަންކަން ހޯދައިފި

އިއްޔެ ނިންމާލި އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން --- ފޮޓޯ/ އަފްނާން ރަޝީދު

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ 13 ވަނަ މައިލޯ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގެ ދެ އުމުރުފުރާއަކުން ނ. ހޮޅުދޫ މޭނާ ސްކޫލް ޗެންޕިއަންކަން ހޯދައިފި އެވެ.

މޭނާ ސްކޫލް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ 14 އަހަރާއި 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރެހެން ކެޓަގަރީންނެވެ. ސާދަ އަހަރުން ދަށުގެ އުމުރުފުރައިގެ ފިރެހެން ޓީމް އިވެންޓް މޭނާ ސްކޫލް ކާމިޔާބު ކުރީ އިމާދުއްދީން ސްކޫލާ ވާދަކޮށް، މެޗު ކާމިޔާބު ކޮށްގެނެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރެހެން އިވެންޓް އެ ސްކޫލް ހޯދީ ސީއެޗްއެސް ބަލިކުރުމަށް ފަހު އެވެ.

އޭގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރެހެން ޓީމް އިވެންޓްގެ ރަނަރަޕްކަން ވެސް ހޯދާފައި ވަނީ މޭނާ ސްކޫލެވެ. އެ އިވެންޓުގެ ފައިނަލްގައި ވާދަކޮށް، އެ ސްކޫލް ބަލިވެފައި ވަނީ ކެޔޮދޫ ސްކޫލް އަތުންނެވެ.

ފިރެހެން ޓީމް އިވެންޓްތަކުން މޭނާ ސްކޫލް ދެ އިވެންޓު ކާމިޔާބުކުރި އިރު، 14 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓް ކާމިޔާބުކޮށްފައި ވަނީ މ. އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ. ސާދަ އަހަރުން ދަށުގެ އިވެންޓް އެ ސްކޫލް ކާމިޔާބު ކުރީ ފައިނަލްގައި އިމާދުއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދައިގެނެވެ. އަދި 19 އަހަރުން ދަށުގެ އިވެންޓު އެ ޓީމް ހޯދީ ފައިނަލްގައި ސީއެޗްއެސްއީ ބަލިކުރުމަށް ފަހު އެވެ.

އަންހެން ޓީމް އިވެންޓުތަކުގެ ތެރެއިން 16 އަހަރުން ދަށުގެ އުމުރުފުރަ އިން ޗެންޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. އެ އިވެންޓް އެ ސްކޫލުން ކާމިޔާބު ކުރީ ފައިނަލްގައި ކެޔޮދޫ ސްކޫލާ ވާދަކޮށް، އެ ސްކޫލްގެ މައްޗަށް ކުރި ހޯދައިއިގެންނެވެ.

މިފަހަރުގެ އިންޓާ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އިތުރު އިވެންޓުތަކަށް ބަލާ އިރު، 12 އަހަރުން ދަށުގެ ސިންގަލްސް ފިރެހެން އިވެންޓް ކާމިޔާބު ކުރީ މޭނާ ސްކޫލްގެ އައްވާން އިޒުހާމް މުހައްމަދު އެވެ. އަދި އެ އުމުރުފުރައިގެ އަންހެން އިވެންޓް ކާމިޔާބު ކުރީ ކެޔޮދޫ ސްކޫލްގެ އައިމިނަތު އީމާން އެވެ.

އެ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރަ އިން، އަންހެން އަދި ފިރެހެން ސިންގަލްސް އިވެންޓުތައް އެމްއޭއީސީގެ އައިޝަތު ފައިނާޒް އަލީ އާއި އިމާދުއްދީން ސްކޫލްގެ ނިބާލް އަހުމަދު ކާމިޔާބު ކުރި އިރު، ފިރެހެން އަދި އަންހެން ޑަބަލްސް އިވެންޓުތައް ކާމިޔާބު ކުރީ އެމްއޭއީސީގެ މުހައްމަދު ޔަޒްދާން އަހުމަދު އަދި ޒަޔާން ނަސީރު އާއި އެމްއޭއީސީގެ އައިޝަތު ފައިނާޒް އަލީ އާއި ސާދާ އަހުމަދު އެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރަ އިން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުތައް ކާމިޔާބު ކޮށްފައި ވަނީ ކެޔޮދޫ ސްކޫލްގެ ކުޅުންތެރިންނެވެ. އެގޮތުން ފިރެހެން ޑަބަލްސް އިވެންޓު މުހަމަދު މިންހާޖް އާދަމް އާއި ސަބާހު މުހައްމަދު ކާމިޔާބު ކުރި އިރު، އަންހެން ޑަބަލްސް ކާމިޔާބު ކުރީ ޚަދީޖާ ސިދާބާ އިބްރާހިމް އާއި ޝަޒާ އަބްދުއްރަޝީދު އެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ މިންހާޖް އާއި ސިދާނާ އެވެ.

އެ އުމުރުފުރާގެ އަންހެން ސިންގަލްސް އިވެންޓު ކާމިޔާބު ކޮށްފައި ވަނީ އަމީނިއްޔާ ސްކޫލްގެ މައިޝާ ފަތުހުﷲ އެވެ. އަދި ފިރެހެން ސިންގަލްސް އިވެންޓު ކާމިޔާބު ކުރީ އެމްއޭއީސީގެ އަހުމަދު އަފާޒް އެވެ.

އޭގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފަރަ އިން ފިރެހެން އަދި އަންހެން ސިންގަލްސް އިވެންޓުތައް މޭނާ ސްކޫލްގެ އަލީ ރިޒްމީ އާއި އަމީނިއްޔާ ސްކޫލްގެ ނަބީހާ އަބްދުއްރައްޒާގް ކާމިޔާބު ކުރިއިރު، ފިރެހެން ޑަބަލްސް އިވެންޓް ކާމިޔާބުކުރީ މޭނާ ސްކޫލްގެ އަލީ ރިޒްމީ އާއި ރިޝްވާން ޝިޔާމް އެވެ. އަދި އަންހެން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް ކާމިޔާބު ކުރީ އަމީނިއްޔާ ސްކޫލްގެ ނަބާހާ އަބްދުއްރައްޒާގް އަދި ނަބީހާ އަބްދުއްރައްޒާގް އާއި އަލީ ރިޒްމީ އަދި ނަބާހާ އަބްދުއްރައްޒާގް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު