ބަނދަރަކާއި ފްރީޓުރޭޑް ގާއިމް ކުރުމަށް ދުބާއީ ކުންފުންޏަކާއެކު ސޮއިކޮށްފި

ދުބާއިން މުހައްމަދު ނާސިހް

ރާއްޖޭގައި ޒަމާނީ ބަނދަރެއް ތަރައްގީ ކުރުމަށާއި ފްރީޓްރޭޑް ޒޯނެއް ގާއިމުކުރުމަށް ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ދުބާއީ ޕޯޓްސް ވޯލްޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭއެމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޗެއާމަން ވިދާޅުވީ މި އެއްބަސްވުމާއެކު ކުރަންޖެހޭ ތަފްސީލީ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށެވެ.

"މިހާރު މާލޭގެ ބަނދަރު ތަރައްގީކުރުމުގެ ވިސްނުން ހުއްޓަސް މުސްތަގުބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބަނދަރު ތަރައްގީ ކުރުމަށް ވިސްނާނަން،" ސުލޭއަމް ވިދާޅުވި އެވެ.

ރާއްޖޭގެ އިންވެސްޓްކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިކަށްވެފައި ފަތުރުވެރިންނަށް ވަރަށް ގިނަ ބާވަތްތައް އިމްޕޯޓްކުރާ ގައުމަކަށް ރާއްޖެވުން ހިމެނޭ ކަމަށް ސުލޭއަމް ވިދާޅުވިއެވެ.

ރާއްޖެ އަށް އިންވެސްޓް ކުރާނީ ކިހާވަރެއްތޯ 'ސަން' އިން ސުވާލުކުރުމުން ސުލޭއަމް ވިދާޅުވީ އެ އަދަދު އަދި މި ވަގުތު ހާމަކުރަން މާ އަވަސް ކަމަށެވެ.

މި އެއްބަސްވުމާއި އެއްކޮށް ދެން ކުރިއަށްދާނީ ފައިނަލް ކޮންޓްރެކްޓަކާއި ހަމައަށް ދިއުމަށް ކުރަންޖެހޭ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން އަލަށް ހަދާ ޕޯޓާއި ފްރީ ޓްރޭޑް އޭރިއާ ގާއިމުކުރެވިގެންދާނީ ތިލަފުށީގަ އެވެ.

އެތަނުގައި ގާއިމް ކުރާ ފްރީ ޒޯނާއި އެސަރަހައްދު ހިއްކުމާއި ރިވެޓްމަންޓު ޖެހުމާއި މުޅި ޕޯޓުގެ ފެސިލިޓީ ގާއިމް ކުރުމާއި މުޅި އޮޕަރޭޝަނުގެ ހުރިހާ ކަމެއް ކުރާނީ ދުބާއީ ވޯލްޑުން ކަމަށް އަދީބު ވަނީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

ޑީޕީ އަކީ ދުނިޔޭގައި އެންމެ ގިނަ ބަނދަރު އޮޕަރޭޓްކުރާ ކުންފުންޏެވެ. މި ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގެ ފަސްދޮޅަސް ބަނދަރު އޮޕަރޭޓްކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު