އުތީމުގެ ފަސް ޓީޗަރެއްގެ ކޯސް ފީ މެމްބަރު ސުޖާއު ދައްކަވައި ދެއްވައިފި

ހއ. އުތީމުގައި ކިޔަވައިދެމުން ދާ ފަސް ޓީޗަރެއްގެ ކޯސްތަކުގެ ފީތައް އެ ރަށް ހިމެނޭ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދައްކަވާ ދެއްވައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ފީ ދައްކައި ދެއްވާފައި ވަނީ އެ ސްކޫލުގައި އެތައް އަހަރެއް ވަންދެން ކިޔަވައިދެމުން އަންނަ ޓީޗަރުންގެ އަގުވަޒަން ކުރެއްވުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޓީޗަރުން ކޯސްތައް ފުރިހަމަ ކުރަން ކޮންމެ މަހަކު އެއްފަހަރު ރަށުން ބޭރަށް ދާން ޖެހޭ ކަމަށެވެ.

ޓީޗަރުންނަށް ކޯހުގެ ފީތައް ދައްކައިދިނުމުގެ އިތުރުން އެކި ގޮތް ގޮތުން ރަށު ރައްޔިތުންނަށް ވެސް ސުޖާއު އެހީތެރިވެ ދެއްވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އުތީމުގައި ބޭއްވި ގުރުއާން މުބާރާތައް 5،000 ރުފިޔާ ފައިސާގެ އެހީ އޭނާ ވެދެއްވާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރާ އެކު ތައުލީމީ ދާއިރާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަށް ގެނެސްފަ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގޮތުގައި ފާހަގަ ކުރެވުނީ ޓީޗަރުންނަށް ގެނައި މުސާރައިގެ ކުރި އެރުމެވެ. އެގޮތުން ޓީޗަރުންގެ އަސާސީ މުސާރައިގެ އިތުރުން އެލަވަންސާއި ތައުލީމީ ކޮލިފިކޭޝަން އެލަވަންސް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން މިއަހަރުގެ ނިޔަލަށް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްނުކުރާ ޓީޗަރުން ވަޒީފާއިން ވަކި ކުރާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ހިދުމަތުގައި ތިބި ޓީޗަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކޯސްތަކެއް ހިންގަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު