މަހުލޫފު މެމްބަރު ކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި ބަޔަކު މުޒާހަރާ ކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފު މެމްބަރު ކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުންތަކެއް ނުކުމެ މުޒާހަރާ ކޮށްފި އެވެ.

ގަލޮޅު މަދަރުސާ ކުރިމަތިން މިރޭ ފެށި މި މުޒާހަރާގައި އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ މަހުލޫފު މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށެވެ. އަދި މެމްބަރު ކަމަށް އައުމުގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނަށް "ފޮނި ހުވަފެން" ދައްކާފައިވާ ކަމަށާއި އެހެންނަމަވެސް މިއަދު އެ ވާހަކަތައް ބަދަލުވެގެން ގޮސްފައިވާ ކަމަށް އެއްވެ ތިިބި ފަރާތްތަކުން ދިޔައީ ގޮވަމުން ނެވެ.

މުޒާހަރާގެ ބައިވެރިން ގަލޮޅު މަދުރާސާ ކައިރީ ކުޑަ ވަގުތު ކޮޅަކު އަޑު އުފުލުމަށް ފަހު ވަނީ މަހުލޫފު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ގޮސް އަޑު އުފުލައިފަ އެވެ. އެހެންނަމަވެސް އެ ސަރަހައްދަށް އެސްއޯ ފުލުހުން އައިސް އެ ސަރަހައްދުގައި މަޑުކޮށްގެން ނުތިބުމަށް ބުނުމުން މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ.

އަދި މިރޭ ނެރުނު މީހުންނަށް ވުރެ ގިނަ މީހުންނާ އެކު ދެން އަންނަ ރޭ ނުކުންނާނެ ކަމަށް ބުނުމަށް ފަހު މަހުލޫފުއާ ދެކޮޅަށް ކުރި މުޒާހަރާ ވަނީ ނިންމާލާފައި އެވެ.

މަހުލޫފު އަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކުރީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރެކެވެ. އެހެންނަމަވެސް އޭނާ ވަނީ ފަހުން އެ ޕާޓީ އިން ވަކިކޮށްފަ އެވެ. މަހުލޫފު ޕީޕީއެމް އިން ވަކި ކުރުމުގެ ކުރިން ވެސް އޭނާ ވަނީ ސަރުކާރުން ކުރާ ބައެއް ކަންކަމަށް ފާޑުކިޔައިފަ އެވެ.

މިރޭ ކުރި މުޒާހަރާއާ ގުޅޭ ގޮތުން މަހުލޫފު "ސަން" އަށް ވިދާޅުވީ މުޒާހަރާގައި ބައިވެރިވި ޒުވާނުންނަކީ އޭނާގެ ދާއިރާ އަށް ނިސްބަތްވާ މެމްބަރުން ކަމެއް "އެނގިފައިނުވާ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު