ދަންޖައްސައިގެން ވެސް މަރުގެ އަދަބު ދޭން ވަނީ ނިންމާފައި: އުމަރު

ލީތަލް އިންޖެކްޝަންގެ އިތުރުން ދަންޖައްސައިގެން ވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރިން ނިންމާފައި ވާނީ ހަމައެކަނި ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށާއި ނަމަވެސް އެ ކަމަށް މިހާރު ވާނީ އިތުރު ގޮތެއް ހޯދާފައި ކަމަށެވެ.

"އެ ގަވާއިދަށް [މަރުގެ ހުކުމް ތަންފީޒު ކުރާ ގަވާއިދު] ގެންނަންޖެހޭ ބަދަލުތައް ގެންނަން އަޅުގަނޑު މިހާރު ވާނީ އެޓާނީ ޖެނެރަލް އަށް ވެސް އަންގަފައި. ކުރީގެ ގަވާއިދުގައި އޮންނާނީ ހަމައެކަނި ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ ގޮތަށް. މިހާރު އެކަމަކު އެއަށް ދަންޖެއްސުން ވެސް ހިމަނަން ސަރުކާރުން ވާނީ ގަސްތުކޮށްފައި،" އުމަރު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެގޮތަށް މިހާރު ވާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ މަރުގެ އަދަބު ދޭނެ "މެތަޑެއް" ކަނޑައަޅާނީ އެއިރެއްގައި ހުންނަ ހޯމް މިނިސްޓަރު ކަމަށެވެ. އުމަރު ވިދާޅުވީ އެއިރެއްގައި ފެންނަ އެންމެ ރަނގަޅު ގޮތެއް ތަންފީޒު ކުރުމުގެ ބާރު އޮންނާނީ ހޯމް މިނިސްޓަރުގެ އަތްޕުޅުގައި ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ އުސޫލުތަކާ ގަވާއިދެއް މިހާރު ވަނީ ނިމިފައި ކަމަށާއި ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ޝަރުއީ ހުރިހާ މަރުހަލާއެއް ކަޑަތުކޮށް ނިމުމުން ކަމަށް އުމަރު ވިދާޅުވި އެވެ.

"މިހާރު ވެސް މަރުގެ ހުކުމް އިއްވަވާފައި ތިބި ފަރާތްތައް އެބަހުރި. އެހެންނަމަވެސް އެފަރާތްތަކުގެ ހައިކޯޓު މަރުހަލާއާ ސުޕްރީމް ކޯޓުގެ މަރުހަލާ ނިމުމުން އަޅުގަނޑުމެން މަރުގެ އަދަބު ތަންފީޒު ކުރާނަން. ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި. ވަކިވަކިން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިމިފައި ހުރި ކަންކަން އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެން ނަމަވެސް ޔަގީންކަން މިދެނީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނަން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ނިމުމުން 45 ދުވަހާ 60 ދުވަހާ ދޭތެރޭ މަރުގެ ހުކުމް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު