13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 13 ވަނަ އިންޓަސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގައި ތިން އުމުރު ފުރައަކުން ޖުމްލަ 33 ޓީމެއް ބައިވެރި ވެފައިވެ އެވެ. އެ މުބާރާތުގައި ބައިވެރިވާ އުމުރުފުރާއަކީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކުދިންނެވެ.

ޖުމްލަ 14 ސްކޫލެއް ވާދަ ކުރާ އެ މުބާރާތުގައި ބައިވެރި ވެފައިވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި އަމީނިއްޔާ ސްކޫލް އާއި ބ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު އާއި ސީއެޗްއެސްސީ އާއި ގަލޮޅު މަދަރުސާ އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. މީގެ އިތުރުން ހިރިޔާ ސްކޫލް އާއި އިމާދުއްދީން ސްކޫލް އާއި އިސްކަންދަރު ސްކޫލް އާއި ކެޔޮދޫ ސްކޫލް އާއި ލާލޭ އިންޓަނޭޝަނަލް ސްކޫލްއާއި މީމު އަތޮޅު އެޑިޔުކޭޝަން ސެންޓަރު އަދި މޭނާ އެ މުބާރާތުގައި ބައިވެރި ވެފައިވެއެވެ.

މިހާރު ކުރިއަށްދާ މުބާރާތުގެ 14 އަހަރުން ދަށު އުމުރުފުރައިގައި 13 ޓީމު ހިމެނެ އެވެ. އެގޮތުން 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްދީން ސްކޫލާއި ބިލަބޮންގް ހައި އަދި އިސްކަންދަރު ސްކޫލެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މީމު އޭއީސީ އާއި ޣިޔާސުއްދީން އަދި މޭނާ ސްކޫލެވެ.

އެ އުމުރުފުރައިގެ އަންހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އަމީނިއްޔާއާއި ޣިޔާސުއްދީން އާއި އިމާދުއްދީން އަދި ލާލެ އިންޓަނޭޝަނަލް އެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ބިލަބޮންގް އާއި އަހުމަދިއްޔާ އަދި މީމު އޭއީސީ އެވެ.

ފިރިހެން ކުދިން 16 އަހަރުން ދަށުގެ ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި އަހުމަދިއްޔާ އާއި މޭނާ އަދި މީމު އޭއީސީ އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ލާލެ އާއި އިސްކަންދަރު އަދި ކެޔޮދޫ ސްކޫލެވެ.

އެ އުމުރުފުރައިގެ އަންހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްދީން އާއި އަހުމަދިއްޔާއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ އަމީނިއްޔާ އާއި ކެޔޮދޫ އަދި ހިރިޔާ އެވެ.

މުބާރާތުގެ އެންމެ ދޮށީ އުމުރު ފުރާކަމަށްވާ 19 އަހަރުން ދަށުގެ ބައިގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ގަލޮޅު މަދަރުސާ އަދި މީމު އޭއީސީ އެވެ. ގްރޫޕް ދޭއްގައި ހިމެނީ އަހުމަދިއްޔާ އާއި ސީއެޗްއެސްއީ އަދި މޭނާ އެވެ.

އެ އުމުރުފުރައިގެން އަންހެން ބައިގައި ބައިވެރިވެފައިވަނީ ސީއެޗްއެސްއީ އާއި އަހުމަދިއްޔާ އަދި މީމު އޭއީސީ އެވެ.

މިއަދު މުބާރާތުގެ ފުރަތަމަ މެޗުތައް މިހާރު ކުރިއަށްދާއިރު މެންދުރު ކުޅޭނީ ތިން މެޗެވެ. އަދި ހަވީރުވެސް ތިން މެޗެއް ކުޅެން ހަމަޖެހިފައިވާއިރު މިރޭ ވެސް ވަނީ ތިން މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު