14:30
ބްރައިޓް ބްރަދަރސްގެ ފަރާތުން ހިންގާ އަގޯރާ ފިހާރައިން މ. ޞުލްޙަ، ޙަސަން ސުވާދަށް ބަޔޯ ފޭޝަލް ފޯމް ފުޅިއެއް ވިއްކާފައި ވަނީ، އެ ފުޅި ވިކާ އަގު ކަމަށް ޖަހާފައިވާ ފަނަރަ ރުފިޔާ އަށްވުރެ އެއް ރުފިޔާ އަގުބޮޑުކޮށް ކަމަށްވާތީ، އެކަމުގެ ސަބަބުން ޞުވާދަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނަށް އަގޯރާއިން ޚިލާފުވެފައިވާތީ، ޖޫރިމަނާ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް ކޯޓުން އަމުރު ކޮށްދިނުމަށް އެދި ބްރައިޓް ބްރަދަރސްގެ މައްޗަށް ސުވާދު ކުރި ދައުވާގެ ހުކުމް އިއްވަވަމުން، މަދަނީ ކޯޓީގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ، އިތުރަށް ނެގި އެއްރުފިޔާ އަނބުރާ ސުވާދާ ހަވާލު ކުރުމަށް ބްރައިޓް ބްރަދާސްއިން މަސައްކަތްކޮށްފައިވާކަން ހެކިތަކުން ސާބިތުވާތީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނާ އެ ކުންފުނިން ހިލާފްވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި މި ގަޒިއްޔާ އަކީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ މައްޗަށް ދައުވާ ލިބޭ ގަޒިއްޔާއަކަށް ނުވާތީ އެ މިނިސްޓްރީއަށް ލިބިފައިވާ ގާނޫނީ އިހްތިޔާރު ވަކި ގޮތަކަށް ބޭނުންކުރުމަށްޓަކައި، އެވުޒާރާގެ ބަހެއް ނުލިބި ޣައިރު ހާޒިރުގައި އެ ވުޒާރާގެ މައްޗަށް އަމުރުކޮށްދެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ އެއްފުރިޔާ ލިބެންޖެހޭ ފައިސާއެއް ކަމަށްވާތީ އެ ފައިސާ ސުވާދާ ހަވާލު ކުރުމަށްޓަކައި، ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ މަދަނީ ކޯޓަށް ދެއްކުމަށް ބްރައިޓް ބްރަދާސްއަށް އަންގައި ހުކުމް ކުރެއްވީ ކަމަށް ވެސް ހާތިފް ހިލްމީ އިއްވެވި ހުކުމްގައިވެ އެވެ.