ސްކޫލްތަކުގެ މި އަހަރުގެ ފުރަތަމަ ޓާމްގެ މެދު ޗުއްޓީއާ ދިމާކޮށް މެލޭޝިޔަން އެއާލައިންގެ ޓިކެޓް ވަރަށް ބޮޑު ތަން އަގުހެޔޮކޮށްފި އެވެ.
މެލޭޝިޔަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް، ވިލާ ޓްރަވަލްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ހަފްތާ އަކު ކޮންމެ ދުވަހަކު، މާލެ ކުއުލާލަމްޕޫރު މާލެ އަށް ދަތުރު ކުރާ އެއާލައިންގެ ދެ ކޮޅު ޓިކެޓް މި ސްކޫލް ބަންދާ ދިމާކޮށް ވިއްކާނީ 305 ޑޮލަރު (4703.1 ރުފިޔާ) އަށް ކަމަށެވެ. އަދި އެއީ އެ ސެކްޓަރުގެ ޓިކެޓް މިހާރު ވިއްކާ އަގު، 456 ޑޮލަރަށް ވުރެ 151 ޑޮލަރު ކުޑަ އަދަދެއް ކަމަށެވެ.
ސްކޫލްތަކުގެ މި އަހަރުގެ ފުރަތަމަ ޓާމްގެ މެދު ޗުއްޓީ އަށް ބަންދު ވަނީ މި މަހު 20 އިން މި މަހު 28 އަށެވެ.
ސްކޫލް ބަންދާ ދިމާކޮށް މެލޭޝިޔަން އެއާލައިންގެ ޓިކެޓް އަގު ހެޔޮކޮށް، ސިންގަޕޫރާއި ބެންކޮކާއި ޗައިނާގެ ގްއަންގްޒޯގެ އިތުރަށް ފިލިޕީންސްގެ މެނީލާ އަށާއި އިންޑޮނޭޝިޔާގެ ޑެންޕާސާ އަށް ވެސް ވިއްކާނެ ކަމަށް ވިލާ އިން ބުންޏެވެ.
މިހާރު މާލެ އިން ސިންގަަޕޫރަށް އެ އެއާލައިނުން ދެ ކޮޅަށް 478 ޑޮލަރަށް ވިއްކާ ޓިކެޓެއް ސްކޫލް ބަންދުގައި ވިއްކަނީ 312 ޑޮލަރަށް ކަމަށް ވިލާ އިން ބުންޏެވެ. އަދިި މިހާރު ބެންކޮކަށް ދެ ކޮޅަށް 449 ޑޮލަރަށް ވިއްކާ ޓިކެޓެއް 334 ޑޮލަރަށެވެ. ގްއަންގްޒޯގެ ދެކޮޅު ޓިކެޓެއް 502 ޑޮލަރަށެވެ. މިހާރު އެ ސެކްޓަރުގެ ޓިކެޓެއް ވިއްކަނީ 623 ޑޮލަރަށެވެ.
ވިލާ ޓްރަވަލްސް އިން ބުނީ އެ ސެކްޓަރުތަކުގެ ބިޒުނަސް ސީޓްތައް ވެސް އެ މުއްދަތުގައި އަގު ހެޔޮކޮށްފައިވާ ކަމަށެވެ.
ވިލާ ޓްރަވަލްސް އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޓިކެޓް ގަންނަން ލިބޭނީ މި މަހު 21ގެ ނިޔަލަށް ކަމަށެވެ. އަދި އެ ޕްރޮމީޝަނުން ގަންނަ ޓިކެޓްތަކަށް ދަތުރު ކުރެވޭނީ މި އަހަރުގެ ޖުލައި 31ގެ ނިޔަލަށް ކަމަށެވެ.