އިޓަލީގެ ކޮޕާ އިޓަލިއާ މުބާރާތުގައި ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން އިޓަލިއަން ސެރިއޭ ލީގު ތާވަލްގެ ފަސްވަނައިގައި އޮތް ފިއޮރެންޓީނާ ތާވަލްގެ އެއްވަނައިގައި އޮތް ޔުވެންޓަސް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ޔުވެންޓަސް ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ފިއޮރެންޓީނާ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޗެލްސީން ލޯން ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ކުޅުންތެރިޔާ މުހައްމަދު ސަލާހު އެވެ.
ފިއޮރެންޓީނާ ލީޑު ނެގި ނަމަވެސް ޔުވެންޓަސް ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ފުރަތަމަ ހާފްގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 24 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ފަރނަންޑޯ ލޮރެންޓޭ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާ، ގިނަ ފުރުސަތުތަކެއް އުފައްދާފައި ވަނީ ފިއޮރެންޓީނާ އެވެ. އެ ޓީމްގެ ފޯވާޑް ލައިނުން މަޓިއާސް ފެނާންޑޭޒް އާއި ހޯޒޭ މާރިއާ ބަސަންޓާ ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ އިރު، އެ ހާފްގެ ފަހު ވަގުތުކޮޅު ޔުވެންޓަސްގެ މިޑްފީލްޑަރު ވިޑާލް ވެސް ވަނީ ފިއޮރެންޓީނާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
މެޗުގައި ފިއޮރެންޓީނާ ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފް ފެށިތާ 10 މިނެޓު ތެރޭގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔުވެންޓަސްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ކީޕާރު ބީޓުކޮށް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިން، އެ ޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ސަލާހު އެވެ.
ފިއޮރެންޓީނާ ދެވަނަ ފަހަރަށް ލީޑު ނެގުމުން އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ޔުވެންޓަސްއަށް ވަނީ ކުޅުން ރަނގަޅު ކުރެވޭ ގޮތް ނުވެފަ އެވެ. ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު އެ ޓީމް ހަމައަކަށް އެޅި، ގިނަ ވަގުތު ބޯޅަ ހިފައްޓައިން ކުޅުނު ނަމަވެސް، އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވޭގޮތް ނުވެފަ އެވެ.
ރޭގެ މެޗު ކާމިޔާބުކުރުމުން ފިއޮރެންޓީނާ އަށް މިހާރު އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު، އެ މުބާރާތް އެންމެ ފަހުން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ 2001 ވަނަ އަހަރު އެވެ.