ޕީޕީއެމް އިން ވަކިވި މެމްބަރު ސަރުކާރަށް ފާޑުކިޔައިފި

ސިޔާސީ ފަރާތްތައް ހައްޔަރުގައި ބައިތިއްބައިގެން ސަރުކާރަށް ވެރިކަން ނުކުރެވޭނެ ކަމަށް ބުނެ، ޕީޕީއެމް އިން ވަކިވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް މިއަދު ސަރުކާރަށް ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާއަށް ފަހު ނުކުމެވަޑައިގެން މަޖިލިސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އަރީފް ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ފަރާތްތައް ހައްޔަރުކޮށްގެން ރައްޔިތުން މަގުމަތި ކުރުވާ އެ ރައްޔިތުން މަގުމައްޗަށް ނެރެގެން ފުލުހުން ބެރިކޭޑުތައް ކައިރީގައި ބައިތިއްބައިގެން ގައުމު ހިންގަން އުޅުނީމާ ސަރުކާރަކަށް ރައްޔިތުންނަށް ހިދުމަތް ކުރެވިދާނެ ކަމަކަށެއް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން އެތައް ބައެއްގެ މިންނެތް މަސައްކަތުން ގެނައި ޑިމޮކްރަސީގެ ބޭނުމެއް މިހާރުގެ ސަރުކާރުން ނުހިފާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ ބަދަލުގައި މިއަދުގެ ސަރުކާރުން ކުރަމުންދާ ކަމަކީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދިނުން ކަމަށެވެ.

އަރީފް ޕީޕީއެމް އިން ވަކިވެވަޑައިގެންކަން އިއުލާން ކުރެއްވި އިރު އޭނާ ވަނީ މި މަހުގެ 27 ވަނަ ދުވަހު އެމްޑީޕީ-ޖޭޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެމްޑީޕީ ޖޭޕީން ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް އަރީފް ވަނީ އަޑުއުފުލާފަ އެވެ.

އަރީފު ވިދާޅުވީ ޕީޕީއެމް އިން ވަކިވިއަސް އަދި އެހެން ޕާޓީއަކަށް ސޮއި ނުކުރައްވާކަމަށެވެ. ނަމަވެސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ޖޭޕީގެ ލީޑަރާ އެކު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު