ކަރަންޓް ސަބްސިޑީއަށް އަލުން ފުރުސަތު ހުޅުވާލީ ހަރުދަނާ ގޮތުގައި ދިނުމަށް: އެންސްޕާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލީ ކަރަންޓް ސަބްސިޑީ ނުދިނުމަށް ނޫން ކަމަށާއި އޭގެ މަގުސަދަކީ ހަރުދަނާ ގޮތުގައި ސަބްސިޑީ ދިނުން ކަމަށް އެންސްޕާއިން ބުނެފި އެވެ.

އެންސްޕާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ ސީއީއޯ މުޖްތަބާ ޖަލީލް ވިދާޅުވީ، ސަބްސިޑީ އާއި ބެހޭ ގޮތުން ތަފާތު ފޯރަމްތަކާއި އެއްވުންތަކުގައި ހަގީގަތާ ޚިލާފު ވާހަކަދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އޭސީ ހުރެއްޖެއްޔާ ނުލިބޭނޭ. ވަކި އެއްޗެއް ހުރެއްޖެއްޔާ ނުލިބޭނޭ، އެގޮތަށް ވާހަކަ ދައްކަމުންދާ އަޑު،" މުޖްތަބާ ވިދާޅުވި އެވެ. "އެހެންނަމަވެސް މިއީ ހަގީގަތާ ޚިލާފުވާހަކަތަކެއް."

މާލެއާއި އަތޮޅުތެރޭގައި ސަބްސިޑީއަށް ކުރިން ފޯމްނުލާ ފަރާތްތައް އެބަތިބި ކަމަށާއި އަލުން ސަބްސިޑީއަށް ހުޅުވުމަކީ އެ ފަރާތްތަކަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

ސަބްސިޑީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އަންނަ އެޕްރިލް 9 ގެ ނިޔަލަށެވެ. ސަބްސިޑީއަށް އެދޭ ފޯމު ފުރުމުގައި އެހީތެރިވުމުގެ ގޮތުން މާލޭގެ އެކި ސަރައްހައްދުގައި މޭޒުތައް ބަހައްޓައިގެން ފޯމް ފުރުމުގައި އެހީތެރިވެދޭނެ ކަމަށާއި އަދި ކޮންމެ އަތޮޅު ކައުންސިލެއްގައާއި ކޮންމެ ރަށު ކައުންސިލެއްގައި އެންސްޕާގެ ފޯކަލްޕޮއިންޓް ގާއިމުކުރެވިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު