ކުދި އާބާދީތަކުގެ ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގޮވާލެއްވުމުން، މ. ރަތްމަންދޫ ރައްޔިތުން އެކަމަށް އިޖާބަދީ، އެ ރަށުގެ ރައްޔިތުން ހުޅުމާލެއަށް ބަދަލުކޮށްދިނުމަށް އެދިއްޖެ އެވެ.
ހުޅުމާލެއަށް ބަދަލުވުމަށް އެދި ރަތްމަންދޫގެ ރައްޔިތުން ރައީސަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެ ރަށުގެ 18 އަހަރުން މަތީގެ 146 މީހުންނެވެ. އެއީ އެ ރަށުގެ ވޯޓުލެވޭ އާބާދީގެ 91 ޕަސެންޓެވެ. ކުޑަކުދިންނާއާއެކު އެ ރަށުގެ އާބާދީގެ ޖުމްލަ އަދަދަކީ 219 އެވެ.
އެ މީހުން ހުށަހެޅި ޕެޓިޝަންގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެ ޕެޓިޝަނާއެކު ރަށުގެ އާންމު ހާލަތު ބަޔާންކޮށް ރިޕޯޓެއް ރައީސަށް ވަނީ ހުށަހަޅާފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރަތްމަންދޫގައި ސްކޫލްގައި ކިޔަވަނީ ނުވަ ދަރިވަރުންނެވެ. ނަމަވެސް 14 މުވައްޒަފުންނާއެކު ގްރޭޑް ހަތަކާ ހިސާބަށް އެ ސްކޫލްގައި އަދިވެސް ކިޔަވައިދެ އެވެ.
ނަރުދަމާ ނިޒާމް ގާއިމް ކުރެވިފައި ނުވާ ރަތްމަންދޫއަށް ފެނަކައިން އަދިވެސް ކަރަންޓް ދެމުންދަނީ ރައްޔިތުންގެ ހަރަދުގައި އިންޖީނުގެ ހިންގިއިރު ހުރި ބާ އިންޖީނުތަކާއެކުގަ އެވެ. ފެނަކައިން އެ ރަށަށް އާ ޖަނަރޭޓަރު ނުގެނެވިގެން އުޅެނީ އެ ރަށުގައި ބަނދަރެއް ނެތުމުން، ޖަނަރޭޓަރު ރަށަށް ބާލަން ގޮންތެއް ނެތުމުން ކަމަށް އެ ރަށުގެ ރައްޔިތުން ރައީސަށް ހުށަހެޅި ރިޕޯޓުގައިވެ އެވެ. ބާ ޖަނަރޭޓަރުތަކުން އެ ރަށަށް ކަރަންޓް ދެމުންދާނީ ރަށުން ކަރަޓްކެނޑޭ މައްސަލަ ދިމާވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
"މި ރަށަކީ އަތޮޅުގެ އެންމެ އިރުމަތީ ބިތުގައި އޮންނަ ރަށަކަށްވެފައި ފާލަމު [ބިމަށް މުޑިޖަހައި މަތީގައި ލަކުޑި ފިލާ އަޅައިގެން އާދައިގެ ގޮތަކަށް ހަދާފައިވާ ފާލަމު]ގެ ހާލަތު ހުރި ގޮތުން މާލެ ދަތުރު ކުރާ އެއްވެސް ބޯޓެއް މިރަށަކަށް ނުޖައްސަ އެވެ. އަދި މާލެ ދަތުރުކުރާ އެއްވެސް ފެރީ ލޯންޗެއް ވެސް މިރަށުގައި ނުޖައްސާކަމީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަކަށް ވަނީ ވެފަ އެވެ،" އިކޮނަމިކް ކައުންސިލާއި ސޯޝަލް ކައުންސިލްގެ އިތުރުން ހައުސިން މިނިސްޓްރީއަށް ކޮޕީ ހުށަހަޅާފައިވާ ރިޕޯޓުގައިވެ އެވެ.
ރަތްމަންދޫ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކާއެކު ހުޅުމާލެއަށް ބަދަލުވުމަށް އެދި ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހުމަދު މުފީދު "ސަން"އަށް ވިދާޅުވީ ކުދި އާބާދީތަކުގެ ރައްޔިތުން ހުޅުމާލެއަށް ބަދަލުވުމަށް ރައީސް ގޮވާލެއްވުމުން އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރައީސްގެ ގޮވާލެއްވުމަށް ރަށުގެ ރައްޔިތުން އިޖާބަދީ "ރަނުގެ ފުރުސަތުގެ ބޭނުން ހިފަން" ކެތްމަދުވެފައި ކަމަށް މުފީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1968 ވަނަ އަހަރު ރަތްމަންދޫއިން މީހުން ބޭލި އެވެ. އެ ރަށު މީހުން އެ އަތޮޅު މުއްޔަށް ބަދަލުވުމަށްފަހު، ހަތް އަހަރު ފަހުން އެނބުރި އަނެއްކާވެސް ރަތްމަންދޫގައި އެ މީހުން ވަޒަންވެރިވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމުގެ ހަފްލާގައި ރައީސް ޔާމިން ވިދާޅުވީ ކުދިކުދި ރަށްރަށުގައި ތިބި "ޒުވާނުން" ހުޅުމާލެއަށް ބަދަލުވެއްޖެނަމަ "ފަސޭހަ ގޮތްތަކެއް" ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި ހުޅުމާލެ ވެގެންދަނީ ޒުވާނުން ގެދޮރުވެރިކަމުގެ ސަހަރެއްގެ ގޮތުގައި ކަަމަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު އިލްތިމާސް މިކުރަނީ ހުރިހާ ޒުވާނުންނަށް، ހާއްސަކޮށް ކުދިކުދި ރަށްރަށުގައި ތިބި ޒުވާނުންނަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނަމޭ، ހުޅުމާލެ އަށް ހިޒުރަ ކުރުމަށް ތައްޔާރުވާށޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. "ހުޅުމާލޭ ދެވަނަ ފިޔަވަހި ވެގެން ދާނީ މާލޭގައި އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންނަށް ގެދޮރުގެ ދަތިކަން އޮތީމަޔާ އެކީ ޒުވާނުން ގެދޮރުވެރިކުރުމަށް ތަރައްގީ ކުރާ ސަހަރެއްގެ ގޮތުގައި،"