މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމާބެހޭ ކޮމިޓީ، ރައީސް އަލުން އެކުލަވައިލައްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ، އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަލުން އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގަލޮޅު ވައިޖެހޭގެއާގޭ ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާފަންނު އެމޭޒަން ޑޮކްޓަރ މަރްޔަމް ސުޒީ އާދަމާއި، މާފަންނު ހުކުރަދިގޭ ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމަކީ ވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު