ރައްޔިތުން ވަނީ ވެރިކަމާ ހަވާލުވާން ޖެހިފައި: ގާސިމް

"ދައުލަތުގެ ރައްޔިތުން ވަނީ އަދުގެ ވެރިކަމާ ހަވާލުވާން ޖެހިފައި"ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ ހިމާޔަތްކުރުމަށްކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ސީގަލް ރެސްޓޯރެންޓް ކައިރީގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، ވެރިކަމާ ދައުލަތުގެ ރައްޔިތުން ހަވާލުވާން ޖެހޭއިރު އެގޮތައް ކަންތައް ކުރަން ޖެހެނީ ސަރުކާރާއި ވެރިކަމުގައި މީހުން ތިބީ ހައްގުގޮތުގައި ނޫން ކަމަށް ވާތީ ކަމަށެވެ.

"ސަރުކާރުގައި އަދި ތިއްބެވީ ކަމުދާ ބައެއް ނޫން. އެހެން ކަމުން ދައުލަތުގެ ރައްޔިތުން އެބަ ޖެހޭ މިހާރު ވެރިކަމާ ހަވާލުވާން. އެއީ ކޮންމެ ބައެއް ވިޔަސް އެންމެ ރަނގަޅު. އެއީ އެބަޔަކު ތިބީ ހައްގު ސަރުކާރެއްގައެއް އަދި ހައްގު ވެރިކަމެއްގައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ، އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނާއި އެހެންފަރާތްތަކުން ގޮސް އެ ވެރިކަމާ ހަވާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މަޖިލީހުގައި ތިބި ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުންތައް ދުވަސްކޮޅަކުން އެޕާޓީގައި ނުތިއްބަވާނެ ކަމަށާއި އެ ހުރިހާ މެމްބަރުން އިދިކޮޅު ޕާޓީތަކާ ގުޅޭނެ ކަމަށެވެ. ސަބަބަކީ އެބޭފުޅުންނަށް ރައްޔިތުންގެ ފަޅިއަށް އަންނަން އެނގޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިރޭގެ އެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މި އެއްވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު