ގއ. ކަނޑުހުޅުދޫގައި މުދިމަކަށް ހުރި މީހަކު އޭނާގެ 12 އަހަރުގެ ދޮންދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ، 66 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިއަދު މެންދުރުގެ ވަގުތެއްގައި އެރަށުން ކަމަށެވެ.
އެމީހާ ހައްޔަރުކުރީ ކުރިން ހައްޔަރުކުރި މައްސަލައިގައި ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެެވެ.
އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި އެންމެފުރަތަމަ އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެ މައްސަލައިގައި އެމީހާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން އެެރަށު މެޖިސްޓްރޭޓް ކޯޓުން ތިން ދުވަސް ޖަހައިދިނެވެ. ނަމަވެސް ދެވަނަ ފަހަރަށް މުއްދަތު ޖެހުމަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ އެ ކޯޓުން އޭނާ ދޫކޮށްލި އެވެ.
ނަމަވެސް އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން އެމީހާގެ ބަންދަށް ވަނީ 15 ދުވަސް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޖަހައިދީފަ އެވެ. އެ މައްސަލަ މިހާރު އޮތީ އެރަށު މެޖިސްޓްރޭޓް ކޯޓުގަ އެވެ.