ދާންދޫ ދާއިރާގެ މައްސަލަ ޖެހުނު ފޮށި ތިން ފަހަރު ގުނި އިރު ވެސް ތަފާތު ތިން ނަތީޖާއެއް!

ގއ. އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާގެ މައްސަލަ ޖެހުނު ވޯޓު ފޮށި އިލެކްޝަންސް ކޮމިޝަނުން މިރޭ ތިން ވަނަ ފަހަރަށް ގުނި އިރު އަނެއްކާ ވެސް ތަފާތު ނަތީޖާއެއް ނިކުމެއްޖެ އެވެ.

މިއީ އެ ފޮށީގެ ނަތީޖާ ބަދަލުވި ތިން ވަނަ ފަހަރެވެ.

ދާންދޫ ދާއިރާގެ މާމެންދޫގައި ބެހެއްޓި ވޯޓު ފޮށި އެންމެ ފުރަތަމަ ވޯޓުލީ މަރުކަޒުގައި ތިބި އިލެކްޝަންސްގެ އޮފިޝަލުން ގުނި އިރު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސިޔާމަށް ލިބިފައި ވަނީ 289 ވޯޓެވެ. އެމްޑީޕީގެ އަނެއް ކެންޑިޑޭޓް އިބްރާހިމް ސާބިރަށް އެ ފަހަރު 345 ވޯޓު ލިބިފައިވާއިރު ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު އާދިލަށް ލިބިފައި ވަނީ 297 ވޯޓެވެ. އަދި ޑީއާރުޕީގެ އަނެއް ކެންޑިޑޭޓް މުހައްމަދު އަގީލަށް ލިބިފައި ވަނީ 254 ވޯޓެވެ.

ނަމަވެސް، އިލެކްޝަންސްގެ މައި އިދާރާއަށް ވޯޓު ކަރުދާސްތައް ގެނެސް ނަތީޖާ "އިސްލާހުކޮށް" އަލުން އިއުލާން ކުރި އިރު ޑީއާރުޕީގެ އާދިލަށް ލިބިފައި 25 ވޯޓު މަދުކޮށް، 272 ވޯޓެވެ. ނަތީޖާ މިގޮތަށް ބަދަލުވުމުން ދެ ކެންޑިޑޭޓުން ހޮވާ ދާންދޫ ދާއިރާއިން ޑީއާރުޕީގެ އާދިލް ތިން ވަނައަށް ދަނީ އެމްޑީޕީގެ ސާބިރާ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. ސާބިރަށް މުޅި ޖުމްލަ 1003 ވޯޓު ލިބިފައިވާއިރު އާދިލަށް އޭރު ލިބެނީ 1002 ވޯޓެވެ.

އެ ވޯޓު ފޮށީގެ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސްއިން ވަނީ މިރޭ އަނެއްކާ ވެސް ވޯޓު ކަރުދާސްތައް ގުނައިފަ އެވެ. އެކަމަކު ދެ ވަނައަށް ގުނި ފަހަރު އެންމެ ކެންޑިޑޭޓެއްގެ ނަތީޖާ ބަދަލުވެފައިވާއިރު މި ފަހަރު އެ ދާއިރާއަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންގެ ނަތީޖާއަކަށްވެސް ވަނީ އެއް ވޯޓުގެ ބަދަލު އައިސްފަ އެވެ.

އެންމެ ފަހު ގުނުމުން ދައްކާ ގޮތުގައި އެމްޑީޕީގެ ސިޔާމަށް 289 ވޯޓު ބަދަލުވެފައި ވަނީ އެއް ވޯޓު މަދުކޮށް 288 ވޯޓަށެވެ. އެމްޑީޕީގެ ސާބިރަށް ވެސް ކުރިން ލިބުނު 345 ވޯޓުން އެއް ވޯޓު މަދުވެ މިފަހަރު ލިބިފައި ވަނީ 344 ވޯޓެވެ. އަދި ކުރިން ޑީއާރުޕީގެ ކެންޑިޑޭޓް އާދިލަށް 272 ވޯޓު ލިބިފައިވާއިރު އަނެއްކާ ވެސް އޭނާގެ އެއް ވޯޓު މަދުވެ ލިބިފައި ވަނީ 271 ވޯޓެވެ. އެ ހުރިހާ ކެންޑިޑޭޓުންނެއްގެ ވެސް އެއް ވޯޓު މަދުވެފައިވީ ނަމަވެސް ޑީއާރުޕީގެ ކެންޑިޑޭޓް އަގީލަށް ލިބިފައި ވަނީ ކުރިން ލިބުނު 245 ވޯޓުން އެއް ވޯޓު އިތުރަށް 255 ވޯޓެވެ.

ދާންދޫ ދާއިރާގެ މާމެންދޫގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ތިން ފަހަރަށް ބަދަލުވެފައިވާއިރު އެ ކައުންސިލަށް ހޮވިފައިވާ ކަމަށް މިހާތަނަށް ދައްކަނީ ޖުމްލަ 1035 ވޯޓުން އެމްޑީޕީގެ ސިޔާމާއި 1002 ވޯޓުން ހަމަ އެ ޕާޓީގެ ސާބިރެވެ. މިފަހަރު ވެސް ޑީއާރުޕީގެ އާދިލް ހަމަ އެންމެ ވޯޓެއް މަދުވެގެން ޖުމްލަ 1001 ވޯޓާއެކު އުޅެނީ ތިން ވަނައިގަ އެވެ. އަދި 980 ވޯޓާއެކު ޑީއާރުޕީގެ އަގީލަށް ލިބިފައި ވަނީ ހަތަރު ވަނަ އެވެ.

ސަން އޮންލައިނާ ކުރިން ވާހަކަ ދައްކަމުން ޑީއާރްޕީގެ ކެންޑިޑޭޓް އާދިލް ވިދާޅުވީ އިލެކްޝަންސް އިން ހުރީ ވޯޓުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލައިފައި ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..

"މިހާރު އަޅުގަނޑު ވާނީ އެ މައްސަލަ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައި. ދާންޖެހިއްޖެއްޔާ ކޯޓަށް ވެސް ދާން ތައްޔާރަށް މިހުރީ،" އާދިލް ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު