ޕީޕީއެމްގެ ކުރީގެ މެމްބަރެއް ކަމަށްވާ އަހުމަދު ސަލީމް (މާޒު ސަލީމް) އާއި ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދެވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އަހުމަދު ސަލީމް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ. އަދި އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އަބްދުﷲ މުހައްމަދު އައްޔަންކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޕީޕީއެމްގައި ހުންނެވުމަށް ފަހު މާޒް ސަލީމް ވަނީ ކުރިން ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ހަމައެއާ އެކު އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހަށް ވެސް ސަރުކާރު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ އަށް ވެސް ކުރިމަތިލައްވާފައި އެވެ. ޖޭޕީގެ ސްލޮޓެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުން ދިއުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫން ކަމަށް ވިދާޅުވެ މާޒު ސަލީމް ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެންފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މަގާމުން ވަކިކުރެއްވެވީ ވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އޭނާ މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންނަމަވެސް އަބްދުﷲ ވަނީ އެމަގާމުގައި ހުންނަވާ ސަރުކާރު ކޯލިޝަނުގައި އޭރު އޮތް ޖުމްހޫރީ ޕާޓީން ވާދަކުރާ ނޮޅިވަރަމް ދާއިރާ އަށް އަދާލަތުގެ ޓިކެޓުގައި ވާދަ ކުރައްވައިފަ އެވެ.