ބެލެނިވެރިން ބޭނުންވި ކަންކަން ހަމަޖައްސާނެ ކަމަށް ބުނުމުން ގޮއިދޫ ސްކޫލް ހުޅުވައިފި

ށ. ގޮއިދޫ ސްކޫލުގައި ތަޅު އެޅުވުމުން ބެލެނެވެރިން ކުރި ޑިމާންޑާ އެއްގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަމަލު ކުރުމުން ސްކޫލް އަލުން ހުޅުވައިފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު މިއަދު ވިދާޅުވީ ބެލެނެވެރިން ސްކޫލުގައި ތަޅު އެޅުވީ މި އަހަރުގެ ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު ވެސް ޕްރިންސިޕަލެއް ނެތުމުންނާއި އެ ރަށުގައި ދަރިވަރުންނަށް ކިޔަވައި ދޭނެ ހިސާބު ޓީޗަރެއް ވެސް ނެތުމުގެ އިތުރުން ދަރިވަރުން ކިޔަވާ ބައެއް ފޮތްތައް ހަމަވެފައި ނުވާތީ ކަމަށެވެ.
ގޮއިދޫ ސްކޫލުގައި ތަޅު އެޅުވުމަށް ފަހު ބެލެނެވެރިން ސްކޫލު ގޭޓުގައި އެމީހުންގެ ޑިމާންޑުތައް ލިޔެ ހަރުކޮށްފައި: ސަން ފޮޓޯ / ކިޔުންތެރިއެއް

"ބެލެނެވެރިން ހަގީގަތުގައި ވަރަށް ބޮޑަށް ޑިމާންޑް ކުރަމުން އައިދެއްތޯ މިކަމަށް. އަނެއްކާ ބެލެނެވެރިން ތަޅު އެޅުވީ ވެސް މިނިސްޓްރީ އަށް ލިޔުމުން އެކަމަށް ޖަވާބެއް ދެއްވާށޭ ވިދާޅުވެ އެ ޖަވާބު ވެސް ނުލިބުނީމާ. އިއްޔެ ބެލެނެވެރިންގެ ތެރެއިން އިސްކޮށް އުޅުއްވާ ފަރާތްތަކުން މަޝްވަރާ ކުރުމަށް ފަހު ރޭ 10 ޖަހާއިރު ސްކޫލުގައި ތަޅު މި އެޅުވީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތަޅު އެޅުވުމަށް ފަހު ބެލެނެވެރިން މިއަދު އިހުތިޖާޖަށް ނުކުތީ ސުލްހަވެރިކޮށް ކަމަށެވެ. އަދި އެފަރާތްތަކުން އޭރު ވެސް ޑިމާންޑް ކުރަމުން އައީ އެންމެ ތިން ކަމަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެބޭފުޅުން ބުނަމުން ދިޔައީ ދަރިވަރުންނެއް ސްކޫލުކަށް ކިޔަވާށޭ ކިއާފެއް ނުވެއްދޭނޭ، އަދި ޓީޗަރަކު ވެސް. އެހެނެއް ނޫނޭ، އިދާރީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތަކަށް ތިމަންނާމެން ބުރުލެއް ނާރުވާނަމޭ އެބޭފުޅުން ބުނި. އެހެންވެ އިދާރީ ގޮތުން ކުރަން ޖެހޭ ކަމެއް ކުރުމުގެ ހުއްދަ ދިން،"

އޭނާ ވިދާޅުވީ މިއަދު ހެނދުނު އެޑިއުކޭޝަނުން ބެލެނެވެރިންގެ ޑިމާންޑާ އެއްގޮތަށް އަމަލުކޮށް ލިޔުމުން އެކަން އަންގާފައިވާ ކަމަށެވެ.

"އެޑިއުކޭޝަންގެ ސިޓީގައި ވަނީ މި ބުރާސްފަތި ދުވަހުގެ ކުރިން ޕްރިންސިޕަލެއް ލިބިގެން ދާނެ ކަމަށާއި އަދި މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހިސާބު ޓީޗަރެއް ލިބިގެން ދާނެ ކަމަށް. އަދި ހަމަނުވެ ހުރި ފޮތްތައް ބަލާ މާލެއަށް ބޭފުޅަކު ފޮނުވުމަށް ވެސް ސިޓީގައިވޭ."

ގޮއިދޫ އިން ވާހަކަ ދެއްކި ބެލެނެވެރިއަކު ބުނީ މިއަދު ހެނދުނު 9:55 އަށް ދަރިވަރުން ސްކޫލަށް ކިޔެވުމަށް ފޮނުވުމަށް ސްކޫލުން މިހާރު އަންގާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު