އައްޑޫ ޝަރީފުގެ އިންޒާރު ކުށްވެރި ނުކުރާހާ ހިނދަކު ތަސްމީނާއެކު ޖަލްސާއެއްގައި ބައިވެރިއެއް ނުވާނަން: މައުމޫން

ޑީއާރްޕީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އައްޑުއަށް ވަޑައިގެންފި ނަމަ ޖިސްމާނީ ގޮތުން އަނިޔާކޮށް އައްޑޫން ބާލާނެ ކަމަށް ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު ]މަވޯޓާ ޝަރީފު[ ދެއްވާފައިވާ އިންޒާރު ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކުށްވެރި ނުކުރައްވާހާ ހިނދަކު ތަސްމީނާއެކު އެއް ޖަލްސާގައި ބާއިވެރިވެވަޑައި ނުގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ކ. ހުރާގައި ރޭ ބޭއްވި ޖަލްސާގައި ޒައީމް މައުމޫނަށް ބައިވެރިވެ ވަޑައިނުގެންނެވުމުން، އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ޖަލްސާގައި އިއްވަން ނިންމާފައިވާ ހިތާބު، އެ ޖަލްސާގައި އިއްވާފައި ނުވާތީ، މީޑިއާއާ ހިއްސާކޮށްފައިވާ އެ ހިތާބުގައި ޒައީމް މައުމޫން ވިދާޅުވެފައި ވަނީ ހުރާގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވީ ޝަރީފު ދެއްވާފައިވާ އިންޒާރު ޕާޓީގެ ލީޑަރު ތަސްމީން ކުށްވެރި ނުކުރެއްވުމުން ކަމަށެވެ. އަދި އެ ކަން ކުށްވެރި ނުކުރާހާ ހިނދަކު ޕާޓީގެ ލީޑަރާއެކު އެއް ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ޒައީމްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ހުރައަށް ނުދާން ނިންމީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު އަޅުގަނޑަށް ޖިސްމާނީ ގޮތުން އަނިޔާކޮށް ރަށުން ބާލާނެ ކަމުގެ އިންޒާރުދީފައި ވަނިކޮށް، ޕާޓީގެ ލީޑަރު އެކަން ކުށްވެރި ނުކުރައްވަނީސް ޕާޓީގެ ލީޑަރާއެކު އެއް ޖަލްސާއެއްގައި އަޅުގަނޑު ބައިވެރިވާން ބޭނުން ނުވާތީ،" މައުމޫން ވިދާޅުވެފައިވެ އެވެ.

އެ ސަބަބާހުރެ، ރޭގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގެނެވުނު ކަމަށްޓަކައި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ ޒައީމް މައުމޫންގެ ހިތާބުގައި އިތުރަށް ވިދާޅުވެފައި ވަނީ ހުރާގެ ރަށު ކައުންސިލަށާއި އެ ދާއިރާގެ އަތޮޅު ކައުންސިލަށް ޑީއާރްޕީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެވިކަމީ، އެމަނިކުފާނަށާއި ޑީއާރްޕީއަށް އޮތް ތާއިދު ހާމަކޮށްދޭ ދަލީލެއް ކަމަށެވެ.

ހުރާގައި ރޭ ބޭއްވި ޖަލްސާގައި ޒައީމް މައުމޫންގެ ހިތާބު އިއްވާފައި ނުވާތީ މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވީ އެ ހިތާބު އިއްވުމަށް ހުރަސް އަޅާފައި ވަނީ ތަސްމީނާއެކު އެ ރަށަށް ވައިޑައިގެންނެި ޑީއާރްޕީގެ އިސް ބޭފުޅުން ކަމަށެވެ. އަދި ޑީއާރްޕީ ވުޖޫދަށް ގެންނެވި ޒައީމް މައުމޫނާބެހޭ ގޮތުން އިހާނެތި ބަސްތަކެއް ޝަރީފު ވިދާޅުވެފައި ވަނިކޮށް، ޕާޓީގެ ލީޑަރު އެކަން ކުށްވެރި ނުކުރައްވައި އަރިހުގައި ޝަރީފް ގެންދެވުމަކީ އެކަމަށް ލީޑަރު ހިތްވަރު ދެއްވުން ކަމަށް މުންދު ވިދާޅުވެފައިވެ އެވެ.

ތަސްމީން މައްޗަށް މުންދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން، ތަސްމީނުގެ ކޮއްކޮގެ އަނބިކަބަލުން އަދި މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އަދާމް މިއަދު ވިދާޅުވީ ޝަރީފު ދައްކާފައިވާ ވާހަތަކެއް ކަމަށް ބުނެ މީޑިއާގައި ލީކުވެގެން އުޅޭ އޯޑިއޯ ކްލިޕަކީ އެޑިޓްކޮށްފައިވާ، އޯޑިއޯއެއް ކަމަށާއި ޝަރީފު ވިދާޅުވި ކަމަށް ބުނާ ވާހަކަތައް ލީޑާޝިޕުން ކުށްވެރި ކުރާނެ ޖާގައެއް ނެތް ކަމަށެވެ.

ހުރާގައި ބޭއްވި ޖަސްސާއަށް ޒައީމް މައުމޫން ފޮނުއްވެވި ހިތާބު އިއްވުމަށް ހުރަސްއެޅީ ތަސްމީން ފެކްޝަނުން ކަމަށް ދެކެވޭ ވާހަކަތައް ކުށްވެރިކޮށް ރޮޒައިނާ ވިދާޅުވީ، އެ ހިތާބު ޖަލްސާގައި އިއްވުމަށް ހުރަސް އެޅީ ހުރާގެ ރައްޔިތުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެ ހިތާބު އިއްވުމަށް ހުރާގެ ރައްޔިތުން ހުރަސް އެޅީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން ޒައީމް ވިދާޅުވެ، އެ ނިންމުން އަނބުރާ ގެންދެވުމާ ގުޅިގެން ކަމަށެވެ. އެ ސަބަބާ ހުރެ، ފަހުން ޒައީމްގެ ހިތާބުގެ ވާހަކަ ޖަލްސާގައި އެއްވެސް ގޮތަކަށް ދާއްކާފައި ނުވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭ ހުރާގެ މަސްލަހަތު ގޯސްވީ ޒައީމް މައުމޫނަށް ތާއީދުކުރާ ބަޔަކު ރޭ އެ ރަށަށް، އަރައި ތަސްމީނާއި ޝަރީފުގެ އިސްތުއުފާއަށް ގޮވަން މަސައްކަތް ކުރުމުން ކަމަށެވެ.

ނަމަވެސް މުންދު ވިދާޅުވީ ރޭގެ ޖަލްސާގެ ހަވާސާއިން ބޭރުގައި ޕާޓީގެ މެންބަރުންތަކެއް ޝަރީފުގެ އިސްތިއުފާއަށް ގޮވާލައިފައި ވަނީ ޒައީމު ފޮނުއްވައިގެން އެ އަމަލު ހިންގި ބައެއް ކަމަށް އަޑުފެތުރަމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

ނަމަވެސް ރޮޒައިނާ ވިދާޅުވީ ރޭގެ ޖަލްސާ އަށް ހުރަސްއަޅަންދިޔަ ޒައީމް މައުމޫންގެ ސަޕޯޓަރުންނަކީ މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވިދާޅުވެގެން ދިޔަ ބައެއް ކަމަށް އެ މީހުން އަޑު އުފުލި ކަމަށެވެ.

ޑީއާރްޕީގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުކުތުކޮށް ސަންއަށް މައުލޫމާތުދީފައިވާ ގޮތުގައި ރޭގެ ޖަލްސާއަށް ހުރަސްއަޅަންދިޔަ މީހުންގެ ލޯންޗު ކުއްޔަށް ހިފާފައި ވަނީ ވެސް ނަދީމްގެ ހަރަދުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު