ބައިނަލްއަގްވާމީ ކެރަމް ފެޑަރޭޝަން (އައިސީއެފް)އިން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ކަނޑައަޅާފައި ވާއިރު، އެ އެސޯސިއޭޝަން މިހާރު ހިންގަމުންދާ އިންޓަރިމް ކޮމިޓީއަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން އިންތިހާބު ފަސްކުރަން އެ ކޮމިޓީން ނިންމައިފި އެވެ.
އެކަމާ ގުޅޭގޮތުން މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ކެރަމް އެސޯސިއޭޝަންގެ އިންޓެރިމް ކޮމިޓީގެ ޗެއާމަން އަދި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އިންތިހާބު ފަސްކުރަން ނިންމީ އެ ކޮމިޓީން ދުރާލާ 'ވޯޓާސް ލިސްޓު' އާންމުކުރަން ދަތިތަކެއް ދިމާވުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އިންތިހާބު ފަސް ކުރަން މި ޖެހުނީ ވޯޓާސް ލިސްޓު ފައިނަލް ކުރުމުގައި ދަތިތަކެއް ދިމާވުމުން. އެހެން ހުރިހާ ކަމެއް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފަ. ކެރަމް އެސޯސިއޭޝަންގެ ބައެއް މެންބަރުން މިވަގުތު ރަށުގައިވެސް ނެތް. އެކަހަލަ ބައެއް ކަންކަން ހުރުމުން ވޯޓާސް ލިސްޓު ފައިނަލްކޮށް، އިންތިހާބުގެ ތަންކޮޅެއް ކުރިން ލިސްޓު އާންމުކުރުމަށްފަހު ކޮމިޓީގެ މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިންތިހާބު ލަސްކުރީ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
މީގެ ކުރިން އިންޓަރިމް ކޮމިޓީން ކެރަމް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓު އާންމުކޮށްފައި ނުވުމުން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލީ ބައެއް ބޭފުޅުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފައެވެ.
އިންތިހާބު ފަސްކުރަން ނިންމުމަށްފަހު އަބްދުއްސައްތާރު ވިދާޅުވީ، އެކަން އައިސީއެފަށް އަންގާފައި ވާނެކަމަށާއި، ދެ ދުވަހެއްގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހު ފައިނަލް ކުރެވިގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން އިނތިހާބު ފަސްކުރަން ނިންމިކަން އައިސީއެފަށްވެސް އެންގިން. އަދި އެކަން ކުރަން ޖެހުނު ސަބަބާއި ހުރިހާ ކަމެއް އައިސީއެފާ ހިއްސާ ކުރިން. އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށްފަހު އިންތިހާބު ކުރިއަށް ގެންދާނީ ހަމަ އެ ބޭފުޅުންގެ ބެލުމުގެ ދަށުން. އިރާދަކުރެއްވިއްޔާ ދެ ދުވަހެއްތެރޭ އިންތިހާބު ބާއްވާނެ ތާރީހު ފައިނަލްކޮށް އިއުލާނު ކުރެވޭނެ،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން އައިސީއެފުން ތިން މެންބަރުން ހިމެނޭ އިންޓަރިމް ކޮމިޓީއަކާއި ހަވާލުކޮށްފައި ވާއިރު، އެ ކޮމިޓީގެ މައިގަނޑު މައްސޫލިއްޔަތެއްގެ ގޮތުގައި އައިސީއެފުން ކަނޑައެޅީ މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންގެ އިންތިހާބެއް ބޭއްވުމުގެ ކަންތައް އިންތިޒާމް ކުރުމެވެ.