ތިމާވެއްޓާ ބެހޭ ބައްދަލުވުމަކަށް ރައީސް މައުމޫން ދިއްލީއަށް ފުރާވަޑައިގެންފި

ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާގެ ނިއު ދިއްލީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ދިއްލީއަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅަކީ ދަ އެންވަޔަރަންމަންޓު އިންސްޓިޓިއުޓުން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމަނިފާނުވެސް ވާހަކަފުޅުދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"މި ބައްދަލުވުމުގައި ދުނިޔޭގެ ތިމާވެއްޓާ ބެހޭ ގިނަ އަދަދެއްގެ ބޭފުޅުންނާ އަދި ދުނިޔޭގެ ވަރަށް ގިނަ ރައީސުން ވެސް ބައިވެރިވެވަޑައިގަންނަވާނެ. ދެން މި ޖަލްސާގައި އަޅުގަނޑުވެސް ވާހަކަދައްކާނަން. އަދި މިދަތުރުގައި ކަމާ ގުޅުންހުރި ހާއްސަ ޕެނަލް ޑިސްކަޝަނެއްގައި ވެސް އަޅުގަނޑު ބައިވެރިވާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ މީގެކުރިންވެސް ދެ ފަހަރެއްގެ މަތީން ތިމާވެއްޓާބެހޭގޮތުން ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ވެސް ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާ އާ ދެގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވާނެ ކަމަށާއި އެ ބައްދަލުވުމަށް އެމަނިކުފާނު ވަޑައިގަންނަވާނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު