މަޖިލިސް މެމްބަރުންތަކެއް ވަރަށް އަވަހަށް ޖޭޕީ އަށް ސޮއިކުރާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީއާ މިއަދު އަލަށް ބައެއް ބޭފުޅުން ގުޅިވަޑައިގަތުމުގެ ގޮތުން މ. ކުނޫޒުގައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެކި ފަންތީގެ ބޭފުޅުން ސޮއިކުރައްވާނެ ކަމަށެވެ.

"ތަފާތު ފަންނުގެ ބޭފުޅުންނާއި ޕީއެޗްޑީ ފެންވަރުގެ ބޭފުޅުން ވެސް ވަރަށް އަވަހަށް ޖޭޕީއަށް ސޮއިކުރެވިގެން ދާނެތަން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ހަމައެއާ އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ހުރީ އަޅުގަނޑުމެންނާ ގުޅެން ތައްޔާރަށް. އިރާދަކުރެއްވިއްޔާ އެ މަންޒަރު ވެސް ތިޔަ ބޭފުޅުންނަށް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަނުގައި ކުރިން އޮތް ޖޭޕީ ދާދިފަހުން ވަނީ ރަސްމީކޮށް ސަރުކާރު ކޯލިޝަނުން އެ ޕާޓީ ރަސްމީކޮށް ވަކިވެއްޖެ ކަން ވެސް އިއުލާން ކުރައްވާފައި އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހުނީ ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިވަމުން ދާތީ ކަމަށެވެ. އަދި ހަމައެއާ އެކު އެކި ގޮތްގޮތުން ސަރުކާރުން އައީ ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެމްޑީޕީއާ އެކު ޖޭޕީ އިން މަޝްވަރާ ކުރަނީ މަގުމަތި ހަލަބޮލިކުރުވަން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އަބްދުރަހީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އަބްދުރަހީމް އެ ވިދާޅުވާ ފަދަ އެއްވެސް ކަހަލަ މަގްސަދެއް ޖޭޕީގައި ނެތް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެއީ އެބޭފުޅާގެ އަމިއްލަ ހިޔާލުފުޅުހެން. ނުވަތަ އެބޭފުޅާ ކަންތައް ކުރައްވަން ވިސްނަވާފައި އޮތް ގޮތް ކަންނޭނގެ އެއީ. އެހެންނަމަވެސް އެއްވެސް ގޮތަކަށް ޖޭޕީ އަކުން ނެތް އެކަހަލަ އެއްވެސް ވިސްނުމެއް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް ޑިކްޓޭޓާޝިޕެއް ކަމުގައި ވިއަސް އަދި ޑިމޮކްރަސީއެއް ކަމުގައި ވިއަސް ސިޔާސީ އެއްވެސް ކަމަކަށް މަތީ ލިމިޓެއް ކަނޑައަޅާފައި ނޯންނަ ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވެރިކަމަށް އެރުމަށް ވަކި ހާއްސަ އުމުރެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ.

"މިތަން، މި ދިވެހިރާއްޖެ ޑިކްޓޭޓާޝިޕަކަށް ބަދަލުވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ. ފަހަރުގައި މިހާރު އެކަމުގައި އުޅޭ މަދު ބަޔަކު ނޫނިއްޔާ ހިއެއް ނުވޭ މިގައުމަށް އެހެންވާން ބޭނުންވާނެއެކޭ،" ގާސިމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީގެ ހިމާޔަތުގައި އެމްޑީޕީއާ އެކު މަޝްވަރާ ކުރަމުންދާތީ ބައެއް ބޭފުޅުންނަށް ޖޭޕީ އާއި އެމްޑީޕީ ކޯލިޝަން ހެއްދެވީ ކަމަށް ހީފުޅުކުރެވިގެން އުޅޭ ކަމަށާއި އެހެންނަމަވެސް އެ ޕާޓީ އެއްވެސް ބަޔަކާ އެކު ކޯލިޝަނެއް ނުހަދާ ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވަނީ ޕީޕީއެމަށް ޖޭޕީގެ މަޖިލިސް މެމްބަރުންތަކެއް ގުޅިވަޑައިގަންނަވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީއާ 11 ބޭފުޅަކު ވަނީ އަލަށް ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ގާފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޒުބައިރު ހިމެނިވަޑައިގަންނަވަ އެވެ. އަދި ހަމައެއާ އެކު ބައެއް ކައުންސިލްތަކުގެ ކުރީގެ ރައީސުން ވެސް އެ ޕާޓީއާ މިއަދު ވަނީ ގުޅިވަޑައިގެންފައި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު