އެންމެ ފަހުގެ ހަމަލަ: މައުމޫންގެ ރޭވުމެއްތަ؟

ޑީއާރްޕީ ދެބައަށް ފަޅިވެ، މިހާތަނަށް ހިނގަމުން އައި ބަހުގެ ހަނގުރާމާގައި އިއްޔެއަކީ މައިދާނަށް ނުކުމެ ސިދާ ހަމަލަ ދިން ދުވަހެވެ؛ ޑީއާރްޕީގައި ރައީސް މައުމޫންގެ ސަޕޯޓަރުންގެ ބަޔަކާއި ތަސްމީނަށް ސަޕޯޓްކުރާ މީހުން މައިދާނަށް ނުކުމެ އެއް ބައަކު އަނެއް ބަޔަކަށް އިއްޔެ ވަނީ ދިމާއަށް ހަމަލާދީފަ އެވެ.

އުމުގުވަމުުންއައި ފާރުގަނޑުގައި ދޮސްލައި، ފަޅައިގެން ދިޔައީ އިއްޔެ މައުމޫންގެ ސަޕޯޓަރުންގެ ތެރެއިން ކަމަށް ބުނާ ބަޔަކު ޕާޓީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އަށް މައިދާނުގައި ހަމާލާދީ ވައްޓާލައި ހަމަލާތައް ދިން ހިސާބުންނެވެ.

ދެބައި މީހުން މައިދާނަށް ނުކުތީ "މައުމޫނު އައްޑުއަށް އަަރައިފިނަމަ ތަޅާބާލާނެ" ކަމަށް ޑިޕިއުޓީ ލީޑަރު މަވޯޓާ، ވިދާޅުވެފައިވާ ކަމަށް ބުނާ ފޯންކޯލެއްގެ ރިކޯޑިން ޓީވީ ޗެނަލަކުން ލީކް ކުރުމުންނެވެ.
~
އެމްޑީޕީގައި ހުންނެވުމަށް ފަހު ޑީއާރްޕީއާ ގުޅިވަޑައިިގެން ޕާޓީގެ ސްޕެޝަލް އެންވޯއީގެ މަގާމުުން ޑެޕިއުޓީ ލީޑަރު ކަމަށް ވަޑައިގެންނެވި މަވޯޓާއަކީ އެމްޑީޕީގައި އުޅުއްވި ދުވަސްވަރު ޒައީމް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ "ހުތުރު ބަސްތައް" ރައްދު ކުރެއްވެވި ބޭފުޅެކެވެ. އެއީ ހަގީގަތެކެވެ. ނަމަވެސް ފަހުން ޑީއާރްޕީގައި ޝަރީފް ފެނިވަޑައިގަތީ ކުރިން ވިދާޅުވި ބަސްތައް އޮބޭ ވަރަށް މައުމޫނަށް ތާރީފުވެސް ކުރެއްވެވި ބޭފުޅަކަށެވެ. އެއީވެސް ހަގީގަތެކެވެ. އެހެން ކަމުން މަވޯޓާ ޝަރީފު އެފަދަ ކޯލަކާކާމެދު ވިސްނައިލުމުގެ ޖާގަ ނުލިބޭންވީ ސަބަބެއް ނެތެވެ.

ނަމަވެސް މަވޯޓާ ވިދާޅުވަނީ ލީކްކޮށް، އޭނާގެ ކޯލެއްގެ އޯޑިއޯއެއް ކަމަށް ބުނެ ފަތުރައި އޭނާއަށް ހަމަލާދީ ޒަހަމްކޮށްލުމުގެ މެދުވެރި އާލަތަކަށް ހެދި އޯޑިއޯއަކީ އޭނާގެ ކޯލެއް ނޫން ކަމަށެވެ.

"އެއީ އަޅުގަނޑާވާބެހޭ ވެސް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑަށް ހަމަލާދީފައި ވަނީ ޒައީމް މައުމޫންގެ ބޮޑީގާޑުންނާއި އުމަރު ނަސީރުގެ ގެންގުޅޭ ކުދިން ކޮޅެއް،" މަވޯޓާ ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ އިއްޔެ ހެނދުނު ޑީއާރްޕީ އޮފީސް ކައިރީގައި އޭނާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލާއި ފައިންނާއި ގޮށްމުށުން ތަޅާ އަނިޔާކޮށް ހަށިގަނޑުގެ ހަތަރު ތަނެއް ޒަހަމްކޮށްފައި ވަނީ ޕާޓީގެ ޒައީމްގެ ބޮޑީގާޑުންނާއި ޕާޓީން ވަކިކޮށްފައިވާ އުމަރު ނަސީރު ގެންގުޅޭ ކުދިންކޮޅެއް ހިމެނޭ 25 މީހުންގެ ގްރޫޕަކުންކަން އޭނާއަށް ސާފުކޮށް އެނގޭ ކަމަށެވެ.

ޑީއާރްޕީ އޮޮފީހުގައި އިއްޔެ ބާއްވަން އޮތް ކައުންސިލް މީޓިންއަށް ޝަރީފު ވަޑައިގަތެވެ. އެވަގުތު ޑިއާރްޕީގައި މައުމޫނަށް ތާއީދުކުރާ އެކްޓިވިސްޓްުނާއި މަވޯޓާއާ ދެމެދު ހިނގި ހަމަނުޖެހުމުގެތެރޭގައި ފެނުނީ ބަޔަކު މީހުން ޝަރީފު ވައްޓާލައި ގަމީސް އިރާލި ތަނެވެ. މީހުން ބޯވެފައިވާ އެ ތަޅާފޮޅުމުގެ ތެރެއިން ޝަރީފު ސަލަމާތްކޮށް ފުލުހުންގެ ހިމާޔަތުގައި ކާރަކަށް ލައިގެން ގެންދިޔައިރު މަވޯޓާގެ އައިނެއް ފައިވާނެއް ވެސް ނެތެވެ.

"އަޅުގަނޑުގެ ހަށިގަނޑުގެ ހަތަރު ތަނަކުން ކަނޑައިގެން ގޮސް ޒަހަމްވެފައިވޭ. އަދި މުޅި ހަށިގަނޑުގެ އެކިތަންތަނުގައި ފައިނާއި ގޮށްމުށުން ވަނީ ތަޅާ އަނިޔާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމްގެ ހަޔާތުގައި އައި މިބާވަތުގެ ފުރަތަމަ "ހަމަލަ" އެވެ.

ޝަރީފު ވިދާޅުވީ އޭނާއަށް އިއްޔެ ދިން ހަމަލާއަކީ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެ ހަމަލާއަކީ "އޯގަނައިޒް ޓެރަރިޒަމްގެ ހަމަލާ" އެއް ކަމަށެވެ

"މިއަކީ ކުއްލިއަކަށް ބަޔަކު އައިސް (އަޅުގަނޑުގެ ގައިގައި) ހިފައިގަތީއަކީ ނޫން. މީ ދުރާލައި ރާވައިގެން ހިންގި އަމަލެއް. ތަޅާފޮޅުމަށާއި ސިޔާސީ މަގުސަދެއް ހާސިލު ކުރަން ބިރު ދެއްކުމަށް ހިނގި ހަރަކާތެއް،" ޝަރީފު ވިދާޅުވި އެވެ. "ދުރަށް ރާވައިގެން އަޅުގަނޑު ހުރިތަނެއް ހޯދާ ބަލާފައި އެތަނަކަށް 25 ށް މީހުން ގޮސް މި އަނިޔާވެރި އަމަލު ހިނގީ އެމީހުން އޭގެ ފަހުން ފޯނުކޮށްގެން މީހުން އެއްކުރީ. އަދި ޒިންމާ ނަގަންޖެހެނީ ވެސް އަޅުގަނޑު ކަމަށް ގޮވާ ހެދީ،"

މަވޯޓާ ވިދާޅުވި ގޮތުގައި އިއްޔެގެ ހަމަލާއަކީ ވަރަށް ގިނަ މަސައްކަތުން ރާވާފައިވާ ހަމަލައެކެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި އޭނާ، ޕާޓީގެ ޒައީމަށް ނިސްބަތްވާ ގޮތަށް އެއްޗެހި ބުނެފައިވާ ކަމަށް ބުނާ އޯޑިއޯ ކްލިޕަކީ އެ ހަމަލާއަށްޓަކައި އުފައްދާފައިވާ ހާއްސަ ސްޓެރެޓެޖީކް އޯޑިއޯ އެކެވެ.

"އަޅުގަނޑުގެ ފޯނުކޯލެއް ކަމަށް ބުނާ ކޯލަކީ އެކި ދުވަސް ދުވަހު އަޅުގަނޑުމެން ދައްކާ ވާހަކަތަކުގެ އެކި ތަންކޮޅު ނަގައިގެން ޑޮކްޓަކޮށް، އެއްކޮށްގެން އެޑިޓްކޮށް، އެމީހުން ބޭނުންވާ ވާހަކައެއް ތައްޔާރުކޮށްފައިވާ ކޯލެއް. އެއީއަކީ އަޅުގަނޑު ކުރި ފޯންކޯލެއް ނޫން. އެކި ދުވަހު އެކިތަނުގައި ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން ރެކޯޑްކޮށްގެން އެމީހުން ބޭނުން ސްޓޯރީއެއް ތައްޔާރުކޮށްފައި އޮތީ،" މަވޯޓާ ޝަރީފު ވިދާޅުވި އެވެ. "އޭތި އެމީހުން އަތުގައި އޮންނަތާ، އެ ތައްޔާރުކުރާތާ ފުދޭވަރަކަށް ދުވަސް ވެއްޖެ. އޭތި ފުދޭވަރަށް ތައްޔާރުވީމަ އަދި (ލޯކަލް ކައުންސިލްތަކުގެ) އިންތިހާބުވެސް ނިމުނީމަ ލީކް ކުރީ. އެއީ އަޅުގަނޑުގެ ކޯލެއް ނޫން. ރަނގަޅަށް އެނަލައިޒް ކުރީމާ އެނގޭނެ އެކަން،"

ޑީއާރްޕީން ވަކިކުރި ނަމަވެސް މައުމޫނާއެކު މަސައްކަތް ކުރައްވާ އިސް ލީޑަރު އުމަރު ނަސީރު ވިދާޅުވީ މަވޯޓާ ޝަރީފު ވިދާޅުވާ ވާހަކަތަކަށް އިންކާރު ކުރައްވާ ކަމަށާއި އަދި ޝަރީފުގެ ފޯންކޯލް ވެސް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

"ޝަރީފު އެހެން ފޯންކޯލެއްގައި ވިދާޅުވި ފަހުން އަޅުގަނޑުމެންގެ ޒައީމް އައްޑުއަށް ވަޑައިގެންފި، ކިނބިއްސެއް އަޅާނެ މީހަކު ވެސް ނުވި. ދެން އެހެނެކޭ ކިޔާފައި ޝަރީފަށް ހަމަލާދޭން މައުމޫންގެ ބޮޑީގާޑުންނެއް ވެސް އަރިހުގައި ތިބި ބަޔަކު ވެސް ނުދާނެ. އުމަރު ނަސީރުގެ ބޮޑީގާޑަކު ވެސް، ގެންގުޅޭ މީހަކު ވެސް، ޕޭކޮށްފައި ހުރި މީހަކު ވެސް ނުދާނެ. އެހެނެއް ނޫން ޑީއާރްޕީގެ ޒައީމަށް ނިސްބަތްކޮށް ޝަރީފު އެހެން ވިދާޅުވީމަ ޑީއާރްޕީގެ ސަޕޯޓަރުން ފުންމަ، ފުންމައިގެން ދާނެ، އެއީ ބުނެވޭނެ އެއްޗަކީ،" އުމަރު ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ރައީސް މައުމޫންގެ ތަރުޖަަމާން މުހައްމަދު ހުސައިން ޝަރީފަށް ފޯނުކުރުމުން ފޯނެއް ނުނަންގަވަ އެވެ.

މަވޯޓާ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި މައުމޫނާ ދިމާއަށް އެކި މަރުހަލާތަކުގައި އެއްޗެހި ވިދާޅުވެފައި ވާނެ ކަމަށާއި ނަމަވެސް ޑީއާރްޕީއާ ގުޅުނު ފަހުން އެމަނިކުފާނަށާއި ޕާޓީގައި އެމަނިކުފާނުގެ މަގާމަށް ކުރާ ގަދަރު ގޮތުން ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ ދުވަހަކުވެސް ޒައީމަށް ނިސްބަތްކޮށް އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

އިއްޔެ ހަމަލައާ އާއި އަދި އޯޑިއާ ގުޅިގެން މައުމޫނަށް ގުޅުއްވާފައިވާނެތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ "ހަމަލާއާ ގުޅިގެން އަޅުގަނޑު ޒައީމަކަށް ގުޅާކަށް ބޭނުމެއް ނޫން." ކަމަށެވެ.

"އެއީ ޒައީމްގެ ގަނޑުވަރުގެ ތެރޭގައި ތާއަބަދު ތިބޭ މީހުންނާ ޒައީމްގެ ބޮޑީގާޑްންނަށް ތިބޭ މީހުންނާއި ޒައީމް ގެންގުޅުއްވާ މީހުންތައް އައިސް މިބާވަތުން އަމަލު ކުރީމަ. މިކަމަކީ އަލަކަށް ކުރާ ކަމެއް ނޫން. އަޅުގަނޑަށް މަރުގެ އިންޒާރު ދޭތާ ކިތަންމެ ދުވަހެއް. އެހެންވީމާ އަޅުގަނޑު ބޭނުމެއް ނޫން އިތުރަކަށް މިކަމާ ގުޅިގެން ޒައީމާ ގުޅާކަށެއް. އަޅުގަނޑަށް ވަރަށް ސާފު މިކަން ހިނގަނީ ކިހިނެއްކަން. އިއްޔެ މިކަން ހިނގީމަ ޒައީމަށް ވެސް އެނގިވަޑައިގަންނަވާނެެތާ ތިމަންނާގެ ބޮޑީގާޑްންނާއި ވަށައިގެންތިބި މީހުން މި ހަރަކާތް ހިންގައިފިކަން. ކިތަންމެ ޒަމާނެއް ވެއްޖެ އަޅުގަނޑަށް މަރުގެ އިންޒާރު ދެމުންދާތާ. ވަގަކަށް ވެސް ނޫން ދިމާއަށް. ސީދާ ފޯނު ނަމްބަރު ބޭނުންކޮށްގެންނާއި މަގުމަތިން ވެސް."

މާނައަކީ ޝަރީފަށް ދިން ހަމަލާއަކީ ޒައީމް ރޭއްވެވި ހަމަލައެއް ހެއްޔެވެ؟

"މިކަމަކީ ޒައީމް ވިދާޅުވެގެން ކުރި ކަމެކޭ ދަންނަވާކަށް ހެއްކެއް ގަރީނާއެއް އަޅުގަނޑު އަތަކު ނެތް. އެހެން ދަންނަވާކަށް ވެސް އަޅުގަނޑު ނެތިން. އެކަމަކު ޒައީމާ މެދު އަޅުގަނޑުގެ ހިތުގައި އެއްޗެހި އެބަހުރި އެއީ އެމަނިކުފާނު ވަށައިގެން ތިބި މީހުން އެމަނިކުފާނު އިޝާރާތް ކޮށްލަވަނިކޮށް. އެމީހުން އެމަނިކުފާނުގެ ބަސް ގަބޫލު ކުރާނެކަން އަޅުގަނޑަށް ޔަގީން ކުރެވޭ. އެމަނިކުފާނު ތމްސީލުކުރައްވާ ކައުންސިލް މެންބަރުން ރޭޑިއޯ ޓީވީއަށް އަރާ ދައްކަވާ ވާހަފުޅުތަކުން އަޅުގަނޑަށް އެކަމަށް ހިތްވަރު ދެނީ ކޮންބައެއްކަން." ޝަރީފު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް