ބޮލީވުޑް އިންޑަސްޓްރީގެ މައި މަރުކަޒު އަދި އިންޑިއާގެ އެންމެ މަޝްހޫރު ސިޓީ ކަމަށްވާ މުމްބާއީގެ ކުންފުނި، ފެރިސްވީލް އެންޓަޓައިންމަންޓުގެ "ޓިކެޓް ޓު ބޮލީވުޑް"ގެ ޝޯއެއް ރާއްޖޭގައި ބާއްވައިފި އެވެ.
ރާއްޖޭގެ ބޮޑެތި އަދި މަޝްހޫރު ކުންފިތަކެއް ގުޅިގެން ކާނިވާ ސްޓޭޖުގައި މިރޭ ބޭއްވި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ ލަވަތަކާއި އިންޑިއާގެ ސަގާފީ ނެށުންތައް ވަނީ ހުށަހަޅައިދީފަ އެވެ. އަދި ޓިކެޓް ވިއްކައިގެން ބޭއްވި އެ ޝޯ ބަލާލުމަށް 1200 އަށްވުރެ ގިނަ މީހުން ވަތްއިރު، ކާނިވާ ސަރަހައްދުގައި އެ ޝޯ ބެލުމަށް ގިނަ އަދަދެއްގެ މީހުން އެތަނަށް ޖަމާވި އެވެ.
ނެށުން ތެރިންގެ އިތުރުން ޓެކްނީޝަނުން ހިމެނޭ، އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި ނެށުންތައް ހުށަހަޅައި ދެމުން އަންނަ ފެރިސްވީލް އެންޓަޓައިންމަންޓުގެ ޓިކެޓް ޓު ބޮލީވުޑައަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ ސަގާފީ ޝޯތަކާއި ލައިވް އިވެންޓުތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުގައި އިންޑިއާގެ ސަގާފީ ނެށުންތައް ހުށަހަޅައިދޭ ގްރޫޕެކެވެ.
"ޓިކެޓް ޓު ބޮލީވުޑް" ހުށަހަޅައިދިން ޝޯތަކުގެ ތެރޭގައި އިންޑިއާ އާއި ޖަޕާނުގެ ގުޅުމަށް 60 އަހަރު ފާހަގަ ކުރުމަށް ޖަޕާނުގެ ސަޕޯރޯގައި ބޭއްވި 63 ވަނަ ސްނޯ ފެސްޓިވަލާއި 2010 ވަނަ އަހަރު ބޭއްވި ޝަންގްހާއީ އެކްސްޕޯގެ އިތުރުން 2011 ވަނަ އަހަރު ޗައިނާގައި ބޭއްވި ބައިނަލް އަގުވާމީ ފޯކްއާޓް ފެސްޓިވަލު ހިމެނެ އެވެ.
"ޓިކެޓް ޓު ބޮލީވުޑް" ގެ އިތުރުން ފެރިސްވީލް އެންޓަޓައިންމަންޓުން އަންނަނީ "ކަލާސް އޮފް އިންޑިއާ" އަދި "ބޮލީވުޑް ތްރޫ އޭޖަސް"ގެ ނަމުގައި ވެސް ޕްރޮޑަކްޝަންތަކެއް ހިންގާ ގިނަ ގައުމުތަކެއްގައި އިންޑިއާގެ ސަގާފީ ޝޯތައް ހުށަހަޅައިދެމުންނެވެ.