ކަޕްއޮފްނޭޝަން: ގިޔާންގެ ލަނޑުން ގާނާ ސަލާމަތްވެއްޖެ

އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި މަރުގެ ގުރޫޕް ކަމަށްވާ ގުރޫޕް ސީގައި ގާނާ އާއި އަލްޖީރިއާ އިއްޔެ ބައްދަލުކުރި މެޗުގައި، ފަހުވަގުތު ގާނާގެ ފޯވާޑް އަސަމޯ ގިޔާން އަލްޖީރިޔާ ކޮޅައް ޖެހިލަނޑާއެކު ގާނާ ސަލާމަތް ވެއްޖެއެވެ.

މެޗާ ކުރިމަތިލިއިރުވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ގާނާ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމައްޓަކައި މެޗުން މޮޅުވާން ވަނީ މަޖުބޫރުވެފައެވެ. އަދި އިއްޔެ ކާމިޔާބީއާއެކު މިހާރު އެ ޓީމަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ކުއާޓާ ފައިނަލަށް ދިއުމަށް އެ ޓީމަށް އަދިވެސް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ގްރޫޕް 'ސީ' ތާވަލްގެ އެންމެ ކުރީގައި އޮތް ސެނެގަލް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އަދި ގްރޫޕް 'ސީ'ގައި އިއްޔެ އެ ޓީމް ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުން، އެ ޓީމަށް ވަނީ މިހާތަނަށް މުބާރާތުގައި ހަތަރު ޕޮއިންޓު ލިބިފައެވެ. ކުޅުނު ދެ މެޗުން އެއް މެޗު ކާމިޔާބު ކުރި އަލްޖީރިއާ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތީ ގާނާއަށްވުރެ ފައިދާ އެއް ލަނޑު އިތުރު ވުމުންނެވެ.

އިއްޔެގެ މެޗުގައި ކޯޗް އަވްރަމް ގްރާންޓް ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ގާނާގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މުބާރަކް ވަކަސޯ ދިން ބޯޅައަކުން އަލްޖީރިޔާގެ ޕެނެލްޓީ އޭރިޔާގެ ކަނާތްފަރާތުގައި ހުރެ ގިޔާން ފޮނުވާލި ހަމަލާއިންނެވެ. ގިޔާންއަށް އެ ލަނޑު ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ދެވަނަ މިނެޓުގައެވެ.

މެޗަށް ފަހު އިނގިރޭސިވިލާތުގެ ޗެލްސީ އަށްވެސް ކޯޗުކޮށްދިން ކޯޗު ގްރާންޓް ވަނީ ގިޔާން އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. ގިޔާން އަކީ އާދައިގެ ކުޅުންތެރިޔެއް ނޫންކަމަށާއި ޓީމުން ބޭނުންވާ މުހިންމު ދަނޑިވަޅުތަކުގައި ގިޔާން ގެ ފަރާތުން ލަނޑުތެކެއް ފެނިގެންދާކަމަށް ގްރާންޓް ބުންޏެވެ. ގިޔާން ވަނީ އެންމެ ފަހުން އެނާ ގާނާއަށް ކުޅެދިން ހަ މެޗުގައިވެސް ލަނޑުޖަހައިދީފައެވެ.

މިގުރޫޕްގައި ހިމެނޭ އެނެއް ދެޓީމްކަމަށްވާ ދެކުނުއެފްރިކާ އާއި ސެނަގޯލް ކުޅުނު މެޗު ނިމިގެން ގޮސްވަނީ 1-1 ލަނޑުން އެއްވަރު ވެގެން ނެވެ. މެޗުގައި ފުރަތަމަ ލީޑްނެގީ ދެކުނު އެފްރިކާއިން އެވެ. މެޗުގެ ފަހުހާފް ފެށިގެން ދެވަނަ މިނިޓްގައި ދެކުނު އެފްރިކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެނީސާ އެވެ. ސެނަގަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 60ވަނަ މިނިޓްގައި މެބޯޖީ އެވެ.

އެ މެޗުގެ ނަތީޖާއާއެކު ކުޅުނު ފުރަތަމަ މެޗުން ބަލިވި ދެކުނު އެފްރިކާ މިހާރު އޮތީ އެއް ޕޮއިންޓާއެކު ގްރޫޕް 'ސީ' ތާވަލްގެ އެންމެ ފުލުގައެވެ.

ގުރޫޕް 'ސީ'ގެ އެންމެފަހު މެޗުތަކުގައި ދެކުނުއެފްރިކާ ނުކުންނާނީ ގާނާ ދެކޮޅަށެވެ. ސެނަގޯލް ނިކުންނާނީ އަލްޖީރިޔާ ދެކޮޅަށެވެ. މިދެމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު