ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫނުކޮށް އިލެކްޝަންސް އިން ހިފަހައްޓައިފި

ސިޔާސީ ގޮތުން ހަރަކާތްތެރި ޕާޓީއެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ފަހު ފައިސާ ދޭގޮތަށް ހަމަޖައްސައި، ހަ ޕާޓީއަކަށް ފައިސާ ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑައިރެކްޓާ، ލީގަލް ސާވިސަސް، ހުސައިން އާމިރު މިއަދު ވިދާޅުވީ، ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ނޫނީ ފައިސާ ދޫނުކުރާ ގޮތަށް ހަމަޖައްސައިފައިވަނީ މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް )އެމްއެންސީ( އާއި ސޯޝަލް ލިބަރަލް ޕާޓީ )އެސްއެލްޕީ( އަށާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ )އައިޑީޕީ( އަށާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ )އެމްއެސްޑީޕީ( އަށާއި ލޭބާ ޕާޓީ އަދި ޕީޕަލްސް ޕާޓީ އަށް ކަމަށެވެ.

"ފައިސާ ދިނުމުގައި ޤާނޫނީ ގޮތުން އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން އެބަހުރޭ މިސާލަކަށް އެޕާޓީގެ ހިންގުންތެރިކަން ކަހަލަ. އަޅުގަނޑުމެން ފައިސާދޫކުރަނީ ޕާޓީ ހިންގަންވިއްޔާ،"

އާމިރު އިތުރަށް ވިދާޅުވީ، އެ އެޕާޓީތަކުގެ ތެރެއިން އެމްއެންސީއާއި އެސްއެލްޕީގެ އިތުރުން އައިޑީޕީން މިހާތަނަށް އޯޑިޓް ރިޕޯޓުވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި 13.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ހަތް ސިޔާސީ ޕާޓީއަކަށް 10.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ދޫކޮށްފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ. އަދާލަތު ޕާޓީ އަށް ލިބިފައިވަނީ 842،441.62ރ. އެވެ. އަދި ޕީޕަލްސް އެލައިންސް )ޕީއޭ( އަށް 622،691.85ރ. ލިބިފައިވާ އިރު ގައުމީ އިއްތިހާދަށް ދީފައިވަނީ 643،471ރ. އެވެ. އަދި ގައުމީ ޕާޓީ އަށް 618،279.78 ވަނީ އިލެކްޝަންސް އިން ދޫކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން ހަ ޕާޓީއަށް ނުދީ ހިފަހައްޓާފައިވާ 3.4 މިލިއަން ރުފިޔާ އެ ޕާޓީތަކަށް ދޫކުރާ ގުޅޭ ގޮތުން ޤާނޫނީ ލަފާ ހޯދަމުންދާ ކަމަށާއި އެކަމާމެދު ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު