ފަލަސްތީނީންގެ ގެތައް ތެޅުން ވަގުތުން ހުއްޓާލަން ޔޫއެން އިން ގޮވާލައިފި

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިގައިވާ ފަލަސްތީނުމީހުންގެ ގެތައް ތަޅައި މީހުން މަގުމަތިކުރުމުންދާ ދިއުން މިހާރު މިހާރަށް ހުއްޓައިލުމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ގޮވާލައިފި އެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ޔޫއެން އިން ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް އެންޑް ހިމަނިޓޭރިއަން ކޯޑިނޭޓަރް ޖޭމްސް ރޯލީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފާއިތުވި ތިން ދުވަސްތެރޭގައި ވެސް އިސްރާއީލުން ފަލަސްތީނުގެ 77 މީހުން ގެދޮރު ނެތް މީހުންނަށް ހަދާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"... ބިމާ ހަމަކުރި ބައެއް ތަންތަނަކީ ނިކަމެތި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުން އަޅައިދީފައިވާ ތަންތަނެވެ. ގަދަކަމުން މީހުން ގެއިން ނެރެ، ތަންތަން ބިމާ ހަމަކުރަމުންދާ ދިއުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކުން އިސްރާއީލަށް ލާޒިމްކުރާ ގޮތާ އިދިކޮޅު ގޮތެކެވެ. އަދި އެކަމުގެ ސަބަބުން ބޭކާރުގޮތުގައި މީހުންނަށް ވޭން ލިބި ނުތަނަވަސްކަން އުފެދެއެވެ. އެކަން ހަމަ މިހާރު ހުއްޓައިލަން ޖެހެއެވެ،" މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއަށް ޔޫއެން ކަނޑައަޅާފައިވާ މެދުވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރޯލީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޔޫއެން އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް ( އޯސީއެޗްއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް އިސްރާއީލުން ވަނީ ޤުދުސާއި ރާމަﷲއާއި އަރީހާއާއި ހަބްރޫނުގައިވާ ފަލަސްތީންމީހުންގެ 43 ގެއެއް ބިމާހަމަކޮށްލާފަ އެވެ.

މިދިޔަ އަހަރު އެކަނިވެސް އިސްރާއީލުން ވަނީ އިރުމަތީ ޤުދުސްގައިވާ ފަލަސްތީނުމީހުންގެ 590 ގެ ތަޅައި 1177މީހުން މަގުމަތިކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު