ކަޕް އޮފް ނޭޝަންސް: ފަހަތުން އަރައި ޒެންބިޔާ ބަލިކޮށް ޓިއުނީޝިޔާ ގްރޫޕްގެ އެއްވަނައަށް

އެފްރިކަން ކަޕް އޮފް ނޭޝަންސް ގްރޫޕް ބީގައި ޒެންބިއާ ލަނޑެއް ޖަހަފައި ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށް ގެން މޮޅުވެ ޓިއުނީޝިޔާ އެ މުބާރާތުގެ ރޫޕް 'ބީ'ގެ އެއްވަނައަށް ޖެހިލައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު 59 ވަނަ މިނިޓްގައި ޒެންބިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރެއިންފޯޑް ކަލަބާ ނަގައިދިން ހުރަހަކުން އެމެނުއަލް މެއުޔޫކާ އެވެ.

ޓިއުނީޝިޔާއިން ނަތީޖާ އެއްވަރު ކުރި ލަނޑު ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން އެޓީމުގެ އަހުމަދު އަކާޗީ އެވެ. މިލަނޑު ޓިއުނީޝިޔާއިން ކާމިޔާބުކުރިއިރު ޒެންބިޔާ ކުޅެމުންދިޔައީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ ފުރަތަމަ ލަނޑުކާމިޔާބު ކުރި މެއުޔޫކާ އަނިޔާވެގެން ފަރުވާހޯދަމުން ދިޔަވަގަުތުގައެވެ.

މެޗުގައި ޓިއުނީޝިޔާ މޮޅުވިލަނޑު ކާމިޔާބު ކޮށްފައިވަނީ 89 ވަނަ މިނިޓްގައި އެޓީމުގެ ޔާސިން ޗިކާއޫ އެވެ. މިއީ މިމުބާރާތުގައި ޓިއުނީޝިޔާ ކުޅުނު ދެމެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

ކަޕް އޮފް ނޭޝަންސް 2012 ވަނަ އަހަރު ޒެންބިޔާ ކާމިޔާބު ކުރިފަހުން އަދި ފާއިތުވެދިޔަ ދެމުބާރާތުން އެެއްވެސް މެޗަކުން އެޓީމު މޮޅުވެފައެއް ނުވެއެވެ.

އެންމެފަހުން ބޭއްވުނު ކަޕްއޮފްނޭޝަން މުބާރާތުގެ ގްރޫޕްސްޓޭޖާ ހަމައިން ޒެންބިޔާ މުބާރާތަށް އަލްވަދާއު ކިޔާފަވަނީ ކުޅުނު ތިން މެޗުވެސް އެއްވަރުވެގެންނެވެ. ރޭގައި މި ގްރޫޕްގެ ޑީއާރް ކޮންގޯ އާއި ކޭޕްވާޑް އައިލެންޑް ކުޅުނުމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މި ނަތިޖާއާއެކު ގްރޫޕް ބީގައި ކުޅުނު ދެމެޗުން ޓިއުނީޝިޔާ ވަނީ 4 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. ކޭޕްވާޑާ އާއި ޑީއާރް ކޮންގޯ ކުޅުނު ދެމެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ. އެންމެ ޕޮއިންޓަކާއެކު ގްރޫޕް ތާވަލްގެ ފުލުގައި އޮތީ ޒެންބިޔާ އެވެ.

ގްރޫޕްގެ އެންމެ ފަހުމެޗުގައި އަންނަ ހޯމަދުވަހުގެރޭ ޓިއުނީޝިޔާ ނުކުންނާނީ ޑީއާރް ކޮންގޯ އާދެކޮޅަށެވެ. ކޭޕްވާޑް ވާދަކުރާނީ ޒެންބިޔާއާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު