އުމުރުން 16 އަހަރުގެ އޮޑެގާޑް ރެއާލްއަށް

ނޯވޭގެ އުމުރުން 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ މާޓިން އޮޑެގާޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ. އޮޑެގާޑް ރެއާލް މެޑްރިޑަށް ސޮއިކޮށްފައި ވަނީ 2.3 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ.

އޮޑެގާޑްގެ ސޮއި ހޯދުމަށް ޔޫރަޕްގެ ބޮޑޮތި ކުލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އާއި ލިވަޕޫލް ވަނީ މި ކުޅުންތެރިޔާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރެއާލުން ވަނީ ބުރާސްފަތި ދުވަހު އެޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮޑެގާޑް ރަސްމީކޮށް ސޮއިކުރިކަން އިއުލާންކޮށް ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލާފައެވެ.

އޮޑެގާޑް ރެއާލްމެޑްރިޑަށް ސޮއިކުރުމާއެކު އޭނާ އެޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ އެވެ. އެހެންނަމަވެސް އޭނާ ކުޅުމަށް ހަމަޖެހިވަނީ ރެއާލްގެ ޒުވާން ޓީމުގެ ކޯޗު ޒައިނުދީން ޒިދާންގެ އިރުޝާދުގެ ދަށުން އެޓީމަށެވެ. އޮޑެގާޑްގެ ސޮއި ހޯދުމުގައި ޒިދާންގެ ދައުރު ވަަރަށް ބޮޑުކަަމަށް ސްޕެއިންގެ މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ.

ރެއާލް މެޑްރިޑާ ގުޅުމަށް ފަހު މީޑިޔާއަށް މައުލޫމާތު ދެމުން އޮޑެގާޑް ބުނެފައިވަނީ އޭނާއަށް އެވެސް ޕްރެޝަރެއް ނެތް ކަމަށާއި ބޭނުންވަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ތަރައްގީ ވުމަށް ކަމަށެވެ.

"އަހަންނަކަށް މުހިއްމެނޫން ފުރަތަމަ ޓީމުގަތޯ ކުޅޭނީ ނޫނީ ދެވަނަ ޓީމުގަތޯ ކުޅޭނީ. އަހަރެންގެ އަމާޒަކީ ފުރިހަމަ ކުޅުންތެރިޔަކަށް ވުން،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮޑެގާޑް ބުންޏެވެ.

އޮޑެގާޑް އިތުރަށް ބުނެފަވަނީ އޭނާގެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމަށާއި މިހާރު މިހުރެވުނީ ދުނިޔޭގެ އެންމެ ބޮޑުކުލަބްގައި ކަމަށާއި އެކަމާ ވަރަށް ފަހުރުވެރިވާކަމަށެވެ. އަދި އޭނާއަށް އެންމެ ރަގަޅު ގޮތަކީ ރެއާލްމެޑްރިޑަށް ބަދަލުވުންކަމަށާއި އަމިއްލަ ގެޔަށް އައުމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

އޮޑެގާޑް ކުރިން ކުޅެމުން އައީ އުފަންގައުމު ނޯވޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ސްޓްރޮމްސްގޮޑްސެޓަށެވެ. އޭނާ ބޮޑަށް ވިދާލައިގެން ދިޔައީ މިދިޔައަހަރުގެ އޭޕްރީލް މަހުގައި ނޯވޭގެ ފުރަތަމަ ޑިވިޝަންގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ.

އޮޑެގާޑް ވެގެން ގޮސްފަވަނީ ނޯވޭ ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ނޯވޭގެ ގައުމީޓީމާއެކު ޔޫރޯ ކޮލިިފައިންގައި ވެސް އޭނާ ވަނީ ކުޅެފައެވެ. އުމުރުން އެންމެ 15 އަހަރުގައި އޭނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ނޯވޭގެ ގައުމީޓީމާއެކު މެޗެއް ކުޅެދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު