ޅެންވެރިކަމަކީ މީހުންގެ ހިތްތަކާ ކުޅެލާ އެއްޗެއް: ރައީސް މައުމޫން

ޅެންވެރިކަމާއި ޅެމަކީ މީހުންގެ ހިތްތަކާ ކުޅެލާ އެއްޗެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްފުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ދިވެހި ބަހުގެ ބަހާރު"ގެ ނަމުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޅެންވެރިކަމަކީ އިންސާނާގެ ސިކުނޑިއާ ކުޅެ އަދި އިންސާނާގެ ހަށިގަނޑުގައި އިތުރު ޖޯޝުތަކެއް އުފައްދައިދޭ އެއްޗެއް ކަމަށެވެ.

"ޅެމަކީ ހިތާ ކުޅެލާ އެއްޗެއް. ސިކުނޑިއާ ކުޅެލާ އެއްޗެއް. އިންސާނާގެ ހަށިގަނޑުގައި ޖޯޝާއި ޖަޒުބާތު އުފައްދައިދޭ އެއްޗެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ޅެންވެރިކަމަކީ އިއްޔެއަކު މިއަދަކު އުފަންވެގެން މީހުން ހަދަމުން އަންނަ އެއްޗެއް ނޫން ކަމަށެވެ. ޅެންވެރިކަމަކީ މާ ކުރީ ޒަމާނުއްސުރެން "އަރަބީންގެ ދުވަސްވަރުން ސުރެ ހަދަމުން އަންނަ އެއްޗެއް" ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގެ އެކި ޅެންވެރިން ހަދާފައިވާ ޅެންތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައި ނެތްކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އެކަމަކީ ދިވެހި ޅެންވެރިން މިއަދު ކުރަންވެއްޖެ ކަމެއް ކަމަށެވެ. ރާއްޖެ އިން ބޭރުގެ ޅެންތައް ތަރުޖަމާ ކޮށްފިކަމަށްވާ ނަމަ ދިވެހި ޝާއިރުންގެ ހިޔާލުތައް އިތުރަށް ތަނަވަސް ވެގެންދާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ދިވެހި ރާއްޖޭގެ އެއްވެސް އަތޮޅެއް ބާކީނުކޮށް ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ ގަވާއިދުތަކާއި އޮނިގަނޑުތައް ހެދި އަދި އެކަމަށް ބޭނުންވާ ފަންނީ ބޭފުޅުންގެ ލަފައާއި އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު