މިއަހަރުގެ ކިޓު ރަސްމީކޮށް ދައްކާލާފައި ވަނީ މިއަދު ހަވީރު އެއް ނަމަބަރު ޓާފް ދަނޑުގައި ބެއްވި ނިއުގެ އޯޕަން ޑޭ ހަރަކާތުގަ އެވެ. އެ ހަރަކާތުގައި ޓީމްގެ ކުޅުންތެރިންގެ އިތުރުން ނިއުގެ އެކެޑެމީގެ ކުޅުންތެރިންނާއި އެ ކްލަބުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ނިއުއިން ބޭއްވި އެ ހަރަކާތުގައި މެޗެއް ކުޅުމުގެ އިތުރުން، މިއަހަރަށް ރަސްމީކޮށް ނިއުގެ ސީނިއާ ޓީމާއި އެކެޑެމީ ތައާރަފް ކުރުމުގެ ގޮތުން ކޭކެއް ވެސް ފަޅާފައި ވެއެވެ.
ނިއުރޭޑިއެންޓުން މިއަދު ވަނީ މިއަހަރަށް އެ ޓީމް ބޭނުން ކުރާ ކިޓު ދައްކާލާފަ އެވެ. މާދަމާ ފަށާ ޕީޕަލްސް ކަޕްގައި އެ ޓީމްގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި ވަނީ ޕީޑީއާރްއެމް އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގަ އެވެ.

ނިއުގެ އެކެޑެމީގެ ބައެއް ކުދިން އާ ޖާޒީގައި-- ސަން ފޮޓޯ
ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޕީޑީއާރްއެމްގައި ހިމެނޭއިރު، ނިއުއިން މިއަދު ބުނެފައި ވަނީ ދަގަނޑޭއަށް އެ ކްލަބުން އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް އެ މުބާރާތަށް ނިއުއިން ނިކުންނާނީ ތައްޓަށް އަމާޒު ހިފައިން ކަމަށެވެ. އަދި އޭގެ އިތުރުން، އެ މެޗަށް ދަގަނޑޭ ނުކުންނައިރު، ނިއުއިން ވަނީ އެނާއަށް 'ގާޑް އޮފް އޮނާ' އެއް ދޭން ވެސް ނިންމާފަ އެވެ.
މިއަހަރުގެ ސީޒަނަށް ކުރިމަތި ލުމުގެ ގޮތުން ނިއުއިން ގިނަ ތައްޔަރީތަކެއް ވެފައި ވާއިރު، އެ ޓީމަށް މިފަހަރު ވަނީ ސްޕެއިންގެ ގޯލް ކީޕަރަކާއި ބްރެޒިލްގެ ދެ ފޯވާޑުން ގެނެސްފަ އެވެ. އަދި އޭގެ އިތުރުން ނިއުގައި މިދިޔަ އަހަރު މުހިންމު ރޯލެއް އަދާކުރި ގިނަ ކުޅުންތެރިން މި ފަހަރު އެ ޓީމަށް ދިގު މުއްދަތަކަށް ސޮއި ކުރިއިރު، އެ ޓީމްގެ ސެކްރެޓެރީ ޖެނެރަލް ވިޝާމް ވަނީ މި ސީޒަނަށް އެ ޓީމް ވަރަށް ވަރުގަދައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން ނިއުއިން ވަނީ އެ ކްލަބުގެ އެކަޑަމީ މި އަހަރު އިންޓަނޭޝަނަލް އެކަޑަމީއަކަށް ހަދަން ނިންމާފައި ވާކަމަށާއި، އެކެޑެމީގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެ ޓީމްގެ ހެޑް ކޯޗް މިކާ ލޮންސްޓްރޮމްއާ ހަވާލުކޮށްފައި ވާކަން ވެސް ހާމަކޮށްފަ އެވެ.