ގައުމީ ޕާޓީގެ ނޫސް ބަޔާން:
ވޯޓްގައި ފާޅުކަން ބޮޑުކޮށް ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފައި

މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތިޖާ އިން ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެގެން ހިނގައްޖެ ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ ރަސްމީ ވެބްސައިޓްގައި މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ސަރުކާރުގެ ވަސީލަތްތައް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެމްޑީޕީގެ ކެމްޕޭނަށް ބޭނުންކުރައްވާ ރައްޔިތުންނަށް ބިރުދައްކައި ފިއްތަމުން ގެންދެވިއިރު ވެސް ރައްޔިތުން ނުކުމެ ވޯޓުގައި ދެއްކި ނަތީޖާ އަކީ ރައްޔިތުންގެ ހިތްވަރު ވަރަށް ރަނގަޅަށް ދައްކައިދޭ ކަމެއް ކަމަށެވެ. އަދި ބުނަނީ އެކަމަށްޓަކައި ރައްޔިތުންނަށާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީ އަށާއި ގައުމަށްޓަކައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ސާބަސް ރައްދުކުރާ ކަމަށެވެ.

"... އިދިކޮޅު ފަރާތްތަކަށް ގާނޫނު އަސާސީގެ ދަށުންނާއި ގާނޫނުތަކުން ރައްޔިތުންދީފައިވާ ބާރުތައް ހިސާރުކޮށްފައިވާ ހާލަތެއްގައި ކަމުގައި ވީނަމަވެސް ރައްޔިތުންވަނީ މި ސަރުކާރުގެ ސިޔާސަތަށް މި އިންތިޚާބުގައި ނޫނެކޭ ބުނެފަ އެވެ. މި އިންތިޚާބާއި ހަމައަށް ސިޔާސީ ޖަމާއަތްތަކުން ކުރިމަތިލިއިރު ދައުލަތުގެ މީޑިޔާއިން ގާނޫނާއި ޚިލާފަށް އިދިކޮޅު ފަރާތްތައް މަޙްރޫމްކޮށްފައިވުމީ މި ސަރުކާރު ރައްޔިތުންދެކެ ބިރުގަންނަ ވަރާއި، އިދިކޮޅު ފަރާތަކުގެ އަޑު ރައްޔިތުންނާއި ހަމައަށް ފޯރާފާނެތީ ޖެހިލުންވާވަރުގެ އަލިގަދަ ދަލީލެއްކަން ޔަގީނެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ

ގައުމީ ޕާޓީން އެ ބަޔާނުގައި ބުނެފައިވަނީ "މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ރައްޔިތުންގެ ފެން ކުންފުންޏާއި، ދިރާގާއި، މާލޭ ބައިނަލްއަގްވާމީ ވައިގެބަނދަރު ވިއްކާލައިގެން ދައުލަތަށް ލިބުނު ފައިސާއިން އެމް.ޑީ.ޕީގެ އެކްޓިވިސްޓުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކައުންސިލަރުންނާއި އަދި އަތޮޅު ކައުންސިލަރުންގެ ނަމުގައި ބައިތިއްބައިގެން ރައްޔިތުންނަށް ބިރުދައްކައި މަޖުބޫރުކުރުވައި، ތަކުރާރުކޮށް ދޮގު ވާހަކަތައް،" ދައްކަމުން ގެންދިޔަ ކަމަށެވެ. އަދި ބުނަނީ އެކަމުންވެސް މި ސަރުކާރަށް ރައްޔިތުންގެ އަގުލަބިއްޔަތުގެ ވޯޓުވެސް ލޯކަލް ކައުންސިލް އިންތިހާބުން ނުލިބުނު ކަމަށެވެ.

"... ރައީސް ނަޝީދު ވިދާޅުވާފަދައިން ސަރުކާރު ހިންގާ ފަރާތްތަކަށްލިބޭ 30 ޕަސެންޓްގެ އިތުރުން އެމްޑީޕީއަށާއި އަލްފާޟިލް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ ނިސްބަތުން ވޯޓުގެ މަދުމިންވަރެއްކަން މިއޮތީ ފެންނާށެވެ،"
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވުނު ތާރީހީ އިންތިހާބުގެ ވަގުތީ ނަތިޖާ ދައްކާ ގޮތުން ސިޓީ އާއި އަތޮޅާއި އަދި ރަށު ކައުންސިލްތަކުގައި ހިމެނޭ ޖުމްލަ 1091 ގޮނޑީގެ ތެރެއިން ޑީއާރްޕީ ވަނީ 508 ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވަނީ ޖުމްލަ 383 ގޮނޑި އެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ މިއީ އެމްޑީޕީއަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮޑިތަކެއް އެމްޑީޕީއަށް ގެއްލުމާއި ވިދިގެން ވެރިކަންކުރާ ޕާޓީއާ ގުޅިގެން މަސައްކަތް ކުރައްވާ ލޭބާ ޕާޓީން ވެސް ވަނީ މި ނަތީޖާގެ ސަބަބުން ރައީސް ނަޝީދު ވެރިކަމާއި ފެޔަށް ޖެހިވަޑައިގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު