ފ. ނިލަންދޫ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރުމާމެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިފި އެވެ.
ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ނެގި ވޯޓުގެ 94 ޕަސެންޓް ލިބުނީ އެ ރަށުގެ އިންޖީނުގެ ރައްޔިތުންގެ ބެލުމުގެ ދަށުން ހިންގުމަށެވެ. އިންޖީނުގެ ރައްޔިތުންގެ ބެލުމުގެ ދަށުން ހިންގުމަށް 316 މީހުން ވޯޓު ދިނެވެ. ނިލަންދޫ 337 މީހުން ބައިވެރިވި ވޯޓުގައި އެ ރަށުގެ އިންޖީނުގެ ފެނަކައާ ހަވާލު ކުރަން ވޯޓު ދިނީ 14 މީހުންނެވެ. އުމުރުން 18 އަހަރު ފުރިފައިވާ މީހުން ބައިވެރިކުރި ވޯޓުގައި، ބާތިލް ވޯޓުގެ ގޮތުގައި ހަތް ވޯޓު ގުނާފައިވެ އެވެ.
ދެހާސް މީހުންގެ އާބާދީއެއް އޮތް ނިލަންދޫގައި ފެންނަ ނުފެންނަ ވޯޓެއް މިއަދު ނެގީ އެ ރަށު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރުމާމެދު ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، ފެންނަ ނުފެންނަ ވޯޓަކަށް ދިނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު އަލީ މިރޭ ވިދާޅުވީ ވޯޓު ލުމުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް އަމާން ކަމާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގައި ގިނަ އަދަދެއްގެ ރައްޔިތުން މާލޭގައި އުޅޭ ކަމަށެވެ. އެހެންކަމުން މިއަދު ނެގި ވޯޓުގައި އެ ފަރާތްތަކަށް ބައިވެރިނުވެވޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އަސްލު އަޅުގަނޑުމެން އެ ބޭފުޅުން ބައިވެރި ނުކުރާކަށް ނޫން ވޯޓު ރަށުގައި ނަގާފައި މާލޭގައި ފޮށްޓެއް ނުބެހެއްޓީ. ވޯޓުގެ ކަންކަން ރަށުގައި ކުރިއަށް ގެންދިޔައީ ތަންކޮޅެއް އަވަހަށް ވޯޓުގެ ކަންކަން ނިންމަން،" އަހުމަދު ވިދާޅުވި އެވެ.
ނިލަންދޫ އިންޖީނުގެ މިހާރު ވެސް ހިންގަމުން އަންނަނީ ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި އެވެ.