ވަރަށް އަވަހަށް ރީނދުލުގެ އަޅުވެތިކަމުން މާލެއާއި އައްޑޫ ސަލާމަތްވާނެ: މައުމޫން

މާލޭ ސިޓީއާއި އައްޑޫ ސިޓީގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރިޔަސް، އެ ދެ ސިޓީ ރީނދުލުގެ އަޅުވެތިކަމުން ވަރަށް އަވަހަށް ސަލާމަތް ވެގެންދާނެ ކަމަށް ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ހެނދިގޮޑުދޮށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ، އައްޑުއާއި މާލެއިން ކާމިޔާބީ ތަކެއް ނުލިބުނު ނަމަވެސް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކާމިޔާބު ހޯދީ ޑީއާރްޕީ ކަމަށެވެ. އަދި ރީނދޫ ކުލަ ފޮހެވި، ނޫ ކުލައަކަށް ދިވެހިރާއްޖެ ބަދަލުވެގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ނަތީއްޖާއިން ދައްކަނީ ރާއްޖޭގެ ސިޔާސީ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ހިގައްޖެ ކަން. މުޅި ރާއްޖެއިން ރީނދޫ ކުލަ ފޮހެވިގެން ގޮސް، ސާފު ރީތި ނޫ ކުލައަކަށް ބަދަލުވެގެން ހިގައްޖެ ކަން. ނޫ ދިވެހިރާއްޖެ މިރޭ މި މަރުހަބާ ކިޔަނީ އުފަލާއެކު. މި ކަމުން ދައްކައިދެނީ ދިވެހިން އާ މަގެއް، އާ ފެށުމެއް އިހްތިޔާރު ކުރައްވައިފި ކަން،" ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ. "މާލަހެއް ނުވެ، މާލެއާއި އައްޑޫ ވެސް މި ރީދޫ އަޅުވެތި ކަމުން ސަލާމަތްވާނެ،"

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނުފޫޒާއި ބިރުދެއްކުމާއި ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން އިންތިހާބުގައި ސަރުކާރުން ކިތަންމެ އަމަލްތަކެއް ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް، އެމްޑީޕީގެ "ކިއްލާ" ތަކެއް ކަމަށް ބެލެވުނު ރަށްރަށުން ވެސް ޑީއާރުޕީއަށް ކާމިޔާބު ލިބުނު ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ވޯޓްގެ ވަގުތީ ނަތީއްޖާއިން ޑީއާރުޕީ ކުރީގައި އުޅެނީ 10000 ވޯޓްގެ ތަފާތުން ކަމަށާއި އިއްޔެ އިންތިހާބުގައި ވޯޓްލީ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ޑީއާރުޕީން ހޯދި ކާމިޔާބާ ގުޅިގެން ކައުންސިލްތަކުގެ މެންބަރުނަށް މުޚާތަބު ކުރައްވައި މައުމޫން ވިދާޅުވީ، ގައުމީ ހަޔާތު އާ ސަފުހާއެއް ލިޔެވިގެންދާއިރު، ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެ ކަންތައްތަކަށް ޖެހިލުމެއް ނެތި ކުރިއަށް ދިއުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ނޫ ދިވެހިރާއްޖެއަށް މަރުޚަބާ" މި ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ވަކިކޮށްފައިވާ މީހަކާ އެއްކޮށް ޕާޓީގެ ޒައީމް ބާއްވަވާ ބައްދަލުވުމަކުން އަޅުގަނޑު ނުފެންނާނެ." މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެކަން މީޑިއާގައި ހާމަކުރައްވަމުން ތަސްމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު