ނިއުގެ ކޯޗް މިކާ އާއި ކީޕަރު މަރެންކޯ ރާއްޖެ އަތުވެއްޖެ

ނިއުރޭޑިއެންޓް ސްޕޯޓްސް ކަލަބަށް މިދިޔަ ސީޒަންގައިވެސް ކޯޗުކަން ކޮށްދިން ފިންލޭންޑުގެ ކޯޗް މިކާ ލޮންސްޓްރޮމް އާއި އެ ޓީމަށް މި ސީޒަނަށް އަލަށް ސޮއިކުރި ސްޕެއިންގެ ކީޕަރު ޕެޑްރޯ މަރެންކޯ ޓީމާ ގުޅުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ނިއުއިން ބުނީ ކޯޗް މިކާ އާއި މަރެންކޯ މިއަދު މާލެ އައިސްފައި ވާކަމަށާއި، މިރޭ އެ ޓީމުން ބާއްވަން ހަމަޖެހިފައިވާ ޕްރެކްޓިސް ތަކުގައި އެ ދެ މީހުން ބައިވެރި ވާނެ ކަމަށެވެ. އަދި އެ ޓީމަށް މި ސީޒަނަށް ސޮއިކޮށްފައިވާ ބްރެޒިލްގެ ދެ ފޮވާޑުން ކަމަށްވާ ސަންތޯސް އާއި ރަފީނިއާ އަންނަ ހޮނިހިރު ދުވަހު މާލެ އައުމަށް ހަމަޖެހިފައި ވާކަމަށްވެސް ނިއުއިން ވަނީ ބުނެފައެވެ.

ނިއުއިން އެ ޓީމްގެ ޕްރެކްޓިސްތައް މިމަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު މި ސީޒަނަށް އެ ޓީމަށް ސޮއިކުރި ބިދޭސީ އެއްވެސް ކުޅުންތެރިއަކު އެ ޓީމާއި ގުޅިފައެއް ނުވެއެވެ. އެއިރު ނިއުއިން މައުލޫމާތު ދިން ގޮތުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ރާއްޖެ އައުން ލަސްވީ އެ ކުޅުންތެރިންގެ އިންޓަނޭޝަނަލް ޓްރާންސްފާ ކާޑުގެ ކަންތައް ނުނިމިގެންނެވެ.

ނިއުއަށް މި ސީޒަނަށް ސްޕެއިންގެ ކީޕަރެއް ގެނެސްފައި ވަނީ އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދު މި ސީޒަނަށް މާޒިޔާއާ ގުޅުމުންނެވެ. މީގެ ކުރިން ފިލިޕީންސްގެ ލީގު ޗެންޕިއަން ސްޓެލިއޮން އެފްސީއަށް ކުޅެމުން އައި މަރެންކޯ އެ ޓީމަށް ކުޅެދީފައި ވަނީ ނިއުގެ ކުރީގެ ކީޕަރު ސައިމަން މެކްމެނެމީގެ ދަށުންނެވެ.

މި އަހަރުތެރޭ ނިއުރޭޑިއެންޓް ވާދަވެރި މުބާރާތްތަކަކާ ކުރިމަތި ލާއިރު، އެ ޓީމް ވަނީ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ފާހަގަ ކޮށްލެވޭ ދިވެހި ކުޅުންތެރިން ތަކެއްވެސް އެ ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގައި މާޒިޔާއިން ފެނިގެން ދިޔަ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އާއި އޭވައިއެލްގެ ޒުވާން ގޯލް ކީޕަރު މުހައްމަދު ޔަމާންވެސް ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު