މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމައިގެން ހުރި އެ ޓީމްގެ ތަޖުރިބާކާރު ކެޕްޓަން ސްޓީވަން ޖެރާޑް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ރޭގެ މެޗު ކާމިޔާބުކޮށް އެފްއޭ ކަޕްގެ ދެވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފި އެވެ.
ރޭ އޭއެފްސީ ވިންބަލްޑަންގެ ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ވާދަކުރި މެޗު ލިވަޕޫލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި މެޗު ފެށި ލިވަޕޫލް ވަނީ މެޗުގެ ފުރަތަމަ ވަގުތުކޮޅު ވިންބަލްޑަންގެ ޑިފެންސަށް ޕްރެޝަރުތަކެއް ކުރިމަތި ކުރުވާފައެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ލިވަޕޫލް އެވެ. އެ ލަނޑު ޖެރާޑް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބޯޅަ އެ ޓީމްގެ މަންކީލޯއަށް ޕާސްކުރުމަށްފަހު ކުރިއަށް ޖެހިލައި މަންކީލޯ ނަގައިދިން ހުރަސް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލިވަޕޫލްގެ ލީޑާއެކު ވިންބަލްޑަން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ފެށިއިރު، އެ ޓީމަށް ފުރަތަމަ ކޮޅުގައި ވަނީ މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ލިވަޕޫލަށް މާ ބޮޑު އުނދަގުލެއް ކުރެވޭގޮތް ނުވެފައެވެ. ނަމަވެސް ފުރަތަމަ ހާފްގެ 29 ވަނަ މިނެޓުގައި ލިވަޕޫލްގެ ގޯލަށް އެ ޓީމް ނުރައްކާތެރި ހަމަލާއެއް ފޮނުވާފައި ވާއިރު، މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކުރެވުނީ އޭގެ ހަތް މިނެޓު ފަހުން ނެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެ ލަނޑު ވިންބަލްޑަންއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަޑެބަޔޯ އަކިންފެންވާ އެވެ.
އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށި ވިންބަލްޑަން ވަނީ ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅުގައި ލިވަޕޫލް ފަހަތަށް ޖައްސާލަި ޑިފެންސް ކުރަން އެ ޓީމަށް މަޖުބޫރު ކުރުވާފައެވެ. މެޗުގައި ލިވަޕޫލަށް އަނެއްކާވެސް ހަމަޖެހިލެވުނީ މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖެރާޑް އެ ޓީމަށް ލީޑު ހޯދައިދިނުމުންނެވެ.
ދެވަނަ ފަހަރަށް ލިވަޕޫލް މެޗުގެ ލީޑް ނެގުމުން ވިންބަލްޑަން އަނެއްކާވެސް އިތުރު ހަމަލާތަކެއް އުފައްދަން މަސަކަތް ކުރިއެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅު ފެނިގެން ދިޔައީ ލިވަޕޫލް މެޗު ކޮންޓްރޯލް ކުރަމުން އައި ތަނެވެ. ފަހު ވަގުތުކޮޅު ލިވަޕޫލް ވިންބަލްޑަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށްވެސް ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.