ވ. ފުލިދޫ އިން މިއަދު މެންދުރުފަހުން ފެށިގެން ކަރަންޓު ކެނޑިފައި ވާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަން ފަށައިފި އެވެ.
ފުލިދޫއިން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ރަށުން މިއަދު ކަރަންޓު ކެނޑިފައި ވަނީ މެންދުރުފަހު 2:20 ހާއިރު ކަމަށެވެ. އަދި އެ ރަށަށް ކަރަންޓު ދެމުން އަންނަނީ ސްޓެލްކޯ މެދުވެރިކޮށް ކަމަށާއި ޑިއުޓީ އޮފިސަރުންނަށް ތިބެނީ ހަތަރު މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހުން ތިބީ ޗުއްޓީގައި ކަމަށް އެނާ ބުންޏެވެ.
"ސަން" އާ ވާހަކަފުޅު ދައްކަވަމުން ފުލިދޫ ކައުންސިލްގެ ރައީސް މޫސާ ފާއިޒު މިރޭ ވިދާޅުވީ ރަށުން ކަރަންޓު ގޮސްގެން އުޅޭ މައްސަލާގައި އެއްވެސް މައުލޫމާތެއް ސްޓެލްކޯ އިން ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑު މިއީ ކައުންސިލްގެ ރައީސް. އަޅުގަނޑަކަށް ނޭނގެ އިނގޭތޯ އެކައްޗެއް ވެސް. އެހެން ނަމަވެސް ރަށުން ކަރަންޓު ކެނޑިފައިވާކަން އަޅުގަނޑަށް ވެސް އިނގޭ. އެކަމުގެ އެއްވެސް މައުލޫމާތެއް ސްޓެލްކޯއިން އަޅުގަނޑުމެންނަކާ ހިއްސާކޮށްފައިއެއް ނެތް. އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގުޅިން ސްޓެލްކޯގެ އިސްވެރިއަކަށް. ގުޅީމަ ވިދާޅުވި ޖަނަރޭޓަރެއް މިރޭ ފޮނުވާނެ ކަމަށް،" ފާއިޒު ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ އެ ރަށުން ކަަރަންޓު ކެނޑުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރީ ވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކަމަށާއި ނަމަވެސް އެކަން ހާސިލްވެފައި ނުވާ ކަމަށް ފާއިޒު ވިދާޅުވި އެވެ.
"ދާދި ފަހަކާއި ޖެހެންދެން ތިން ދުވަހުން އެއްދުވަހު ކަރަންޓު ކަނޑައިގެން އެބަދޭ. އެކަމުގެ ސަބަބުން ރައްޔިތުންގެ އަގު ބޮޑެތި މުދާތައް ދަނީ ހަލާކުވަމުން،" ފާއިޒު ވިދާޅުވި އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ނާޒިރު މިރޭ ވިދާޅުވީ ފުލިދޫއިން ކަރަންޓު ކެނޑިފައިނވަނީ ކަރަންޓު ދެމުން އަންނަ ދެ ޖަނަރޭޓަރު ފެއިލްވުމާއި ގުޅިގެން ކަމަށެވެ އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"ފުލިދޫގައި އެކަށީގެންވާ ރަނގަޅު ޓީމެއް ހަރަކާތްތެރިވަމުން އަންނަނީ އިނގޭތޯ. އަދި އަޅުގަނޑުމެން މިހާރު ފުލިދޫއަށް އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަަސައްކަތް ދަނީ ކުރަމުން،" ނާޒިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަމުގެ ބާވަތުން ކަރަންޓު ސީދާ ލިބޭނެ ވަގުތެއް ދަންނަވަން ދަތި ކަމަށެވެ.