ފުރަތަމަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ އޭޕްރީލްގައި

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަހަރު އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން މިއަދު ބުނީ، އެ މުބާރާތް ބާއްވަން އެ އެސޯސިއޭޝަނުން ނިންމީ މާލޭގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ކުޅިވަރު ކުރިއަރުވައި، ކުދިންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ މުބާރާތް މިއަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީސް ކަލަންޑަރުގައިވެސް ހިމަނާފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުންޏެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިންގޮތުގައި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން އުމުރުފުރާއަކަށް ބަހާލައިންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށާއި، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތައް ހިމެނޭއިރު، ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ އެ މުބާރާތުގައި ސްކޫލްތަކުގެ އަންހެން އަދި ފިރެހެން ޓީމްތަކަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ.

މިއަހަރުގެ އޭޕްރިލް 23 ވަނަ ދުވަހުން ފެށިގެން މޭ ފަސްވަނަ ދުވަހާ ހަމައަށް ހޭންޑްބޯލް މޯލްޑިވްސްއިން ކުރިއަށް ގެންދަން ރާވާފައިވާ އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ސްކޫލްތަކަށް އެ އެސޯސިއޭޝަނުން މިހާރު ވަނީ އެ މުބާރާތުގައި ބައިވެރިވާން އެދޭ ސިޓީ ހުށަހަޅަން ހުޅުވާލާފައެވެ. އަދި އެ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން ޖެނުއަރީ 25 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ބައިވެރިވާން އެދޭ އުމުރުފުރާ އިނގޭނެ ގޮތަށް ސިޓީއެއް ނޫނީ މެއިލްއެއް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު