ސާޗް ޓީމްގެ ހަރަކާތްތަކަށް މިއަދާއި މާދަމާގެ މޫސުން ތަންދޭނެކަމަށް ލަފާކުރެވޭ: ރުކްމާން ސޯލިހު

މިދިޔަ އާދިއްތަ ދުވަހު ވެއްޓުނު އެއާ އޭޝިއާގެ މަތިންދާ ބޯޓު ކިއޫޒެޑް-8501ގެ ބައިތަކާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ހަށިތައް ހޯދުމުގެ މަސަކަތް ކުރަމުންދާ ސާޗް ޓީމުގެ ހަރަކާތްތަކަށް ކުރިއަށް އޮތް ދެ ދުވަހު މޫސުން ތަން ދޭނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮޕަރޭޝަން ހިންގަމުން އަންނަ ބޯނިއޯގެ މޫސުމާ ބެހޭ އިދާރާގެ ޗީފް ރުކްމާން ސޯލިހު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހުގެ މޫސުމަށް ބަލާއިރު ކަނޑުގެ ރާޅުތަކާއި ވައި މަޑު ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ އެއާ އޭޝިއާގެ ބޯޓު ހޯދަން އުޅޭ ޓީމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެއާ އޭޝިއާގެ ފްލައިޓް ކިއޫޒެޑް-8501 ހޯދުމުގެ މަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ލިބިފައި ވާއިރު، އެ ބޯޓު ހޯދުމުގައި ހަރަކާތްތެރިވާ ސާޗް ޓީމުން ބުނީ އެ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބޮޑު ހަތަރު އެއްޗެއް، ޖާވާ ކަނޑުގެ އަޑިން ފެނިފައި ވާކަމަށެވެ. އަދި އެ ބައިތައް އޮތީ 30 މީޓަރު އަޑީގައި ކަމަށާއި، މޫސުން ތަންދީފި ނަމަ އެ ބައިތައް ނެގުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް އެ ޓީމުން މައުލޫމާތު ދީފައިވެއެވެ.

ބޯނިއޯގެ 90 ނޯޓިކަލް މޭލު ބޭރުން ފެނިފައިވާ އެ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކަކީ ބޯޓުގެ ބައިތައް ކަން ޔަގީން ކުރުމަށް ރިމޯޓް އޮޕަރޭޓަޑް ވެހިކަލްސް (އާރްއޯވީ) ބެނުންކޮށްގެން ކުރި މަސައްކަތް މޫސުމުގެ ސަބަބުން ވަނީ ނާކާމިޔާބު ވެފައެވެ. ނަމަވެސް އެ ބައިތަކަކީ ކޮން އެއްޗެއްތޯ ދެނެގަތުމަށް ޑައިވްކުރަން ރަޝިއާގެ ޑައިވިންގް ޓީމެއް މިހާރު އެ ސަރަހައްދަށް ގޮސްފައި ވާއިރު، އެ ޓީމުން މިއަދު އެ ސަރަހައްދު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

އެއާ އޭޝިއާގެ ފްލައިޓް ކިއޫޒެޑް-8501 ހޯދުމުގެ އޮޕަރޭޝަން މިހާރު މައިގަނޑުގޮތެއްގައި އެ އެއްޗެހިތައް ފެނުނު ޖާވާ ކަނޑުގެ ސަރަހައްދަށް އަމާޒުވެފައި ވާއިރު، އެ އޮޕަރޭޝަންގައި އެ ބޯޓުން ދަތުރުކުރި 30 ވަރަކަށް ޕެސެންޖަރުންގެ ހަށިތައް މިހާރު ވަނީ ފެނިފައެވެ. އަދި އެ ބޯޓުގެ ކަޅު ފޮށި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، އެ ބޯޓު ވެއްޓެން ދިމާވި ސަބަބަކީ މޫސުން ގޯސްވުންކަމަށް ވެދާނެކަމަށް އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ސުރަބަޔާ ސިޓީން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ ކިއޫޒެޑް-8501 މަތިންދާ ބޯޓު ވެއްޓިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ބޯޓު ސުރަބަޔާއިން ފުރިތާ 40 މިނިޓްތެރޭ ބޯޓާ ގުޅުން ކެނޑިފައި ވާއިރު، ބޯޓު ވެއްޓުމުގެ ކުރިން 'އާދަޔާ ހިލާފު' ގޮތަކަށް މައްޗަށް އުދުހިފައި ވާކަމަށް އެ ބޯޓު ވެއްޓެން ދިމާވި ސަބަބު ތަހުގީގު ކުރަމުންދާ ޓީމުން ވަނީ ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު