އިންޑިޔާގެ ފިލްމީ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށް "ޕީކޭ"

އިންޑިޔާގެ ފިލްމީ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމަކަށް އާމިރުހާން ގެ އެންމެ ފަހުގެ ފިލްމް "ޕީކޭ" ވެއްޖެ އެވެ.

ބޮލީވޫޑްގެ ހަބަރުތައް ބުނާ ގޮތުން ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ޕީކޭ ރިލީޒްކުރިތާ ދެހަފްތާ ތެރޭގައި އެ ފިލްމަށް 276 ކްރޯޑް އަށް ވުރެ ގިނަ ރުޕީސް ލިބިފައިވެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ތްރީ އީޑިއަޓްސް"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ "ޕީކޭ" ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބިފައި ވަނީ 26.63 ކުރޯޑެވެ. އަދި ދެ ވަނަ ދުވަހު އެ ފިލްމަށް ވަނީ 30.34 ކުރޯޑް ލިބިފަ އެވެ.

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދި ފިލްތައް ކަަމަށްވާ ޝާހުރުކް ހާންގެ "ޗެންނާއި އެކްސްޕްރެސް" އަދި އާމިރް ހާންގެ "ދޫމް،3" އަށް ލިބިފައިވަނީ ގާތްގަޑަކަށް 265 ކްރޯޑް ރުޕީޒް އެވެ.

އާމިރުގެ އިތުރުން އަނުޝްކާ ޝަރުމާ ބަތަލާގެ ރޯލު ކުޅޭ މި ފިލްމަކީ އޭލިއަންއަކަށް ދިމާވާ ކަންތައްތަކެވެ. އެހެން ދުނިޔެއަކުން އިންސާނުން ދިރިއުޅެމުންދާ ގޮތުގެ ދިރާސާއެއް ކުރުމަށް ބިމަށް އަންނަ އޭލިޔަނެއްގެ ވާހަކަ އެވެ. އަދި އެ މާހައުލުގައި އިންސާނުންގެ މެދުގައި ސަލާމަތުން ހުރެ އަލުން ޕީކޭގެ އަމިއްލަ ދުނިޔެ އަށް ދިއުމަށް އޭނާ ކުރާ މަސައްކަތާއި ދިމާވާ ހުރަސްތައް މި ފިލްމުން ދައްކުވައިދެ އެވެ. އެތަކެއް އަހަރު ދުރުގައިވާ އޭނާގެ އަމިއްލަ ދުނިޔެ އަށް ޕީކޭ އަށް ދެވެން އަންނަނީ އޭނާ ދުނިޔެ އަށް އަންއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ރިމޯޓް ހޯދައިގެންނެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު