ކުޑަ ކުދިންނާއި ކުޑަކަމުދާ ނިޒާމަށް ޖެހޭ އިންފެކްޝަން

ޖަރާސީމުގެ އުފެދި ކުޑަކަމުދާ ނިޒާމުގެ ތެރޭގައި ޖަރާސީމު އަށަގަތުމަކީ ކުޑަކަމުދާނިޒާމުގެ އިންފެކްޝަން ނުވަތަ ޔޫރިން އިންފެކްޝަނެވެ. ގިނަފަހަރަށް ޔޫރިން އިންފެކްޝަންޖެހެނީ ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު (ބެކްޓީރިއާ) ގެ ސަބަބުންނެވެ. ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނަކީ ރާއްޖޭގައި ކުޑަކުދިންނަށް ޖެހޭ ބަލިތަކުގެތެރެއިން އާންމުކޮށް ފެންނަ ބައްޔެކެވެ.

އުމުރުން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މިފަދަ އިންފެކްޝަން ގިނައިން ފެންނަނީ ފިރިހެން ކުދިންގެ ކިބައިންނެވެ. އުމުރުން ތިން މަހަށް ފަހު އަންހެންކުދިންގެ އެ އިންފެކްޝަން ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. މިހެން މިކަން ދިމާވަނީ ފިރިހެންކުދިންނާއި އަންހެންކުދިންގެ ތަބީއީ ތަފާތު ތަކުގެ ސަބަބުންނެވެ. ފިރިހެންކުދިންގެ ތެރެއިން އާންމުކޮށް މިކަން ފެންނަނީ ފައިމޯސިސް، (ޚިތާނު ކުރުމުގެ ކުރީން ޒަކަރުގެ ކޮޅުގައި އޮންނަ ހަންކޮޅުގެ ތަންކޮޅެއް ބޮޑަށް ލެއްޕިފައި ހުރުމުގެ ސަބަބުން، ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުންނަ މަގު ހަނިވެފައި ހުންނަ) ކުދިންގެ އެވެ. މިއީ ހިތާނުކުރުމުން ހައްލުވާ މައްސަލައެކެވެ. ބައެއް ފަހަރު އަވަހަށް ހިތާނުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވަނީ އެހެންވެއެވެ. އަންހެންކުދިންގެ ކުޑަކަމުދާ ހޮޅި ފުރަގަސްފަރާތާ ކައިރިވެފައި ކުރުވުމުގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު މަސާނާޔާ ހަމަޔަށް ގޮސް އަށަގަތުމުގެ ފުރުޞަތު އިތުރުވެއެވެ.

ތަބީއީ ތަފާތު ތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ޖެހުމަށް މަގުފަހިވާ އާންމު ސަބަބުތަކެއް ވެސް ވެއެވެ. ފެނާއި އެހެނިހެން ދިޔާތަކެތި ބޭނުންކުރާލެއް މަދުވުމާއި ކުޑަކަމުނުގޮސް ގިނައިރު ހިފެހެއްޓުމަކީ ހުރިހާ އުމުރުފުރާތަކަކަށް ވެސް އާންމު ސަބަބުތަކެވެ. ބަނޑު ހިކުމުން ފުރަގަސްފަރާތުގައި ބޮޑުކަމުދާތަކެތި ޖަމާވެފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން، ކުޑަކަމުދާއިރު މަސާނާ ރަނގަޅަށް ހުހެއް ނުވެއެވެ. މިއީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމެކެވެ. ކުޑަކަމުދާ ނިޒާމު އުފެދުމުގައި ތަފާތުތަކެއް ހުރުމަކީ ވެސް މިބައްޔަށް ހުށަހޮޅިގެންދާ ކަމެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ނެޕީ ބަދަލު ނުކޮށް ގިނައިރުވުމަކީ ކުޑަކަމުދާ ނިޒާމަށް ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމުގެ އަސަރުކުރުމަށް ފުރުޞަތު ހުޅުވާލެވުމެވެ.

ކުޑަކަމުދާ ނިޒާމަށް ޖަރާސީމުގެ އަސަރުކުރުމުން ފެންނަ އަލާމާތްތައް އެކި އުމުރުފުރާގައި ތަފާތެވެ. ހުރިހާ އަލާމާތެއް އެއްފަހަރާ ނުފެނިވެސް ހިނގައިދާނެއެވެ. ވާހަކަދައްކައި، އެކުދިންގެ އިހުސާސްތައް ހާމަކޮށްދޭން ނޭނގޭވަރުކުދިންގެ ކިބައިން އުޅުމުގައި ހުންނަ ތަފާތުތައް ދެނެގަތުމަށް އެންމެ އެކަށޭނަ ބަޔަކީ އެކުދިންގެ ބެލެނިވެރިންނެވެ. އުމުރުން ދެ އަހަރުން ދަށުގެ ކުދިންގެ ކިބައިން އާންމުކޮށް ފެންނަ އަލާމާތް ތަކުގެ ތެރޭގައި ހުންއައުމާއި، ގިނަގިނައިން ރޮވި، ގިނައިން ހޮޑުލެވުން ހިމެނެއެވެ. ގާތުން ބުއިމަށް ނުވަތަ ކެއުމަށް އިންކާރުކޮށް ދުރުހެލިވެއެވެ. ކުޑަކަމުދާ ތަކެތީން ލޭކުލަ ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރަށް ކުރިމަތިފަރާތަށް އުނދަގޫވާތީ ވެސް އުޅެއެވެ.

ދެ އަހަރުން މަތީގެ ކުދިންގެ ކިބައިން އާންމު އަލާމާތްތަކެއްގެ ގޮތުގައި ފެންނަނީ އަވަސް އަވަހަށް ކުޑަކަމުދިއުމާއި ދަށްބަނޑުގައި ރިއްސުމެވެ. ހުންއައުން ނުވަތަ ހޮޑުލުމާއި ކުޑަކަމުދާ ތަކެތި ކިލަނބުވެފައި ހުރުމާއި ލޭކުލަ އެކުލެވިފައި ހުރުމަކީވެސް ފެންނަ ކަންކަމެވެ. ބައެއްފަހަރަށް ކުޑަކަމުދާ ތަކެތިން ނުބައިވަސް ދުވައެވެ.

މިދެންނެވި ފަދަ އަލާމާތްތައް ފެނުމުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެފާއިވާކަން ޔަގީންކުރުމަށާއި ހުރީކޮން ޖަރަސީމެއްކަން ދެނެގަތުމަށް ތަހުލީލުތައް ކުރެވެއެވެ. އިންފެކްޝަން ހުރި މިންވަރާއި އިންފެކްޝަން ޖެހުމަށް މެދުވެރިވާ ސަބަބުތައް ވެސް ހޯދެއެވެ. މިކަމަށްޓަކައި ކުރެވޭ ތަހުލީލުތަކުގެ ތެރޭގައި ލޭގެ ތަހުލީލުތަކާއި ކުޑަކަމުދާތަކެތީގެ ތަހުލީލު ހިމެނެއެވެ. އެންޓިބަޔޯޓިކެއް ދޭން ފެށުމުގެ ކުރިން ލޭ ޓެސްޓާއި ޔޫރިން ރޫޓިންނާއި ކަލްޒަރ ހެދުމަކީ އެއްމެ ރަނގަޅު ގޮތެވެ. ޓެސްޓު ކުރުމަށް ޓަކައި ނެގޭ ކުޑަކަމުދާ ތަކެއްޗަކީ ހެނދުނު ނިދިން ހޭލުމަށްފަހު އެންމެ ފުރަތަމަ ކުޑަކަމުދާއިރު ނެގޭ ކުޑަކަމުދާތަކެއްޗަށް ވުން މުހިންމެވެ. އަދި ކުޑަކަމުދާ ތަކެތި ނެގުމުގައި ލެބޯރަޓަރީން ދޭ އިރުޝާދާ އެއްގޮތަށް ނެގިއްޖެނަމަ، އިތުރު ޖަރާސީމަށް ކުޑަކަމުދާ ތަކެތި ނަގާ ދަޅަށް ވަނުމުގެ ފުރުޞަތު ކުޑަވެ، އިންފެކްޝަން ޖައްސުވާފައިވާ ޖަރާސީމު ހޯދުމަށް މަގުފަހި ވެއެވެ.

އަލްޓްރާ ސައުންޑް ސްކޭނަކީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އަށަގަނެފައިވާ މިންވަރު ވަޒަންކުރުމާއި ސަބަބު ހޯދުމުގައި އެހީތެރިވެދޭ ވަސީލަތެކެވެ. ކިޑްނީގައި ދުޅަހުރިކަން ނުވަތަ އުފެދުމުގައި ހުންނަ ގިނަ ތަފާތުތައް ސްކޭނުގެ އެހީގައި ދެނެގަނެވެއެވެ. ކުޑަކަމުދާ ނިޒާމުގެ އެކި ހިސާބުތަކުގައި ހުންނަ ހިލަ އެކްސްރޭގެ އެހީގައި ހޯދެއެވެ. މިޓެސްޓު ތަކުގެ ނަތީޖާ ކާމިޔާބުކަމާ އެކު ހޯދުމަށް ޓަކައި ރަނގަޅަށް ބޮޑުކަމުގޮސް، ބަނޑު ހުސްވެފައިހުރުން މުހިންމެވެ. ގިނަގިނައިން ޔޫރިން އިންފެކްޝަން ޖެހޭ ނަމަ، އެކަމަށް ޚާއްސަ އިތުރު ތަހުލީލުތައް ހަދަން ޖެހޭނެއެވެ.

ކުޑަކުމުދާ ނިޒާމަށް ޖެހޭ އިންފެކްޝަންގެ ފަރުވާ ވެސް އެހެނިހެން ބަލިތަކެކޭ އެއްފަދައިން ބެހިފައި ވަނީ ދެބަޔަކަށެވެ. ސީދާ ޖަރާސީމު ނައްތާލުމަށް ދެވޭ އެންޓިބަޔޯޓިކް އާއި ބަލީގެ ސަބަބުން ވާ އުނދަގޫތައް ކުޑަކުރުމަށް ދެވޭ ފަރުވާއެވެ. ހުމަށާއި ތަދަށް ނުވަތަ މޭނުބައިކޮށް ހޮޑުލެވުން މަނާކުރުމަށް ބޭސް ދެވެއެވެ. އެންޓިބަޔޯޓިކްގެ ގޯޒް ހަމަކުރުމާއި ގަޑިން ގަޑިޔަށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިފަދަ އިންފެކްޝަންތަކުން ދުރުހެލިވުމަށްޓަކައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ކުޑަކަމު ދާންޖެހުމުން ލަސްނުކޮށް ކުޑަކަމު ދިއުމަކީ ވަރަށް މުހިންމު ކަންކަމެކެވެ. މިގޮތަށް އަމަލުކުރުމުން އަވަސް އަވަހަށް ކުޑަކަމުގޮސް މަސާނާ ހުސްކޮށްލެވި، ކުޑަކަމުދާ ތަކެތީގައި އެކުލެވިފައިވާ ޖަރާސީމުތައް ބޭރުކޮށްލެވެއެވެ. ކްރެންބެރީ ޖޫހަކީ ވެސް ކުޑަކަމުދާ ތަކެތި ސާފުކޮށްދޭ އެއްޗެކެވެ. ވުމާއެކު، މިޖޫސް ބޭނުންކުރުމުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ތަކާއި ދުރުހެލިވެވި، ބަލިން ރައްކާތެރި ވެވެއެވެ. ހަމައެފަދައިން ރަނގަޅު ކާނާ ކައި، ބަނޑު ހަރުވިޔަނުދީ ބެލެހެއްޓުން ވެސް މުހިންމެވެ. މިކަންކަމުގެ އިތުރުން ފާޚާނާކުރުމަށް ފަހު ސާފުތާހިރުވާ ގޮތްވެސް މުހިންމެވެ. ފާޚާނާ ކުރުމަށްފަހު ރަނގަޅަށް ސާފުކޮށް ދޮވުމާއި ހިއްކާފައި ބެހެއްޓުން މުހިންމެވެ. ހިއްކުމުގައި އަންހެނުންކުދިން ތުވާލި ފުރަގަހުން ކުރިމައްޗައް ގެނައުމުގެ ބަދަލުގައި ކުރިމަތިން ފުރަގަހަށް ގެންދިއުން ނުވަތަ ޖައްސާލުމެވެ. ނެޕީ ބޭނުންކުރާ ކުދިންގެ އަވަސް އަވަހަށް ނެޕީ ބަދަލުކުރުމާއި ނެޕީ ބޭނުންކުރުމުގެ އާދަ ވީހާ ވެސް އަވަހަށް ކަނޑުވާލުމެވެ.

ކުޑައިރު ގިނަގިނައިން ޔޫރިން އިންފެކްޝަން ޖެހުމަކީ ކުޑަކަމުދާ ނިޒާމަށް ބަދަލުތަކެއް އައިސް ކުޑަކަމުދާ ނިޒާމުގެ ބޮޑެތި ބަލިތަކަށް ހުށަހެޅިދާނެ ކަމެކެވެ. ވުމާއެކު، ދުޅަހެޔޮ ދިރިއުޅުމަކަށް ޓަކައި ކުޑަކަމުދާ ނިޒާމުގެ ސިއްޙަތާ މެދު ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ފަރުވާ ލިބިގަތުން ވަރަށް މުހިންމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު