ބ. ދޮންފަނު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމާފައިވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ބައިވެރިވެވޭގޮތް ނުވުމުން އެ އިންތިޚާބުގައި ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓަށް ގޮނޑި ލިބިެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް މިއަދު 'ސަން' އަށް ވިދާޅުވީ ދޮންފަނު ބައި އިލެކްޝަނަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އާމިރުގެ ކެންޑިޑެސީ ކޮމިޝަނުން ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބަކާ ނުލައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ އަހުސަނަށް ކައުންސިލަރު ކަމުގެ ގޮނޑި ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންތިޚާބަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލުމުން މިދިޔަ މަހުގެ 28 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ދެ ކެންޑިޑޭޓުން އޭގެ ތެރެއިން އެއް ކިންޑިޑޭޓެއްގެ ފޯމް ކޮމިޝަނުން ވަނީ ބާތިލް ކޮށްފައި. އެއީ އެ ކެންޑިޑޭޓް ހުށަހެޅުއްވި ފޯމްގައި މައުލޫމާތު ފުރިހަމަ ވެފައިނުވާތީ" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން ކެންޑިޑޭޓަށާއި ޕާޓީ އަށް ވެސް ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ގޮނޑި ލިބިވަޑައިގަތްކަން ކޮމިޝަނުން ފަހުން އިއުލާންކުރާނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ދޮންފަނު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ ދޮންފަނު ކައުންސިލަރު ކަމުގައި ކުރިން ހުންނެވި އެކައުންސިލްގެ ކުރީގެ ނައިބު ރައީސް ޔޫސުފް ނައުޝާދު އިސްތިއުފާ ދެއްވާފައިތީ އެވެ.