ޒުވާނުން މިއަދު ހިތްވަރާއި އަޒުމާއެކު ނުކުންނަންވީ ގައުމުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބެ، ގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރުމަށް ކަަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސަން ވަހީދު ވިދާޅުވެއްޖެ އެވެ.
މީލާދީ އާ އަހަރު ފެށުމާ ގުޅިގެން ދެއްވި ޚިތޯބެއްގައި ކޮމިޝަނަރު ވިދާޅުވީ ކުށުގެ ވެށިން ދުރުވެ، ގައުމުގައި ހިނގާ ކުށުގެ އަމަލުތައް މަދުކުރުމަށް މަސައްކަތް ކުރުމުގައި އެންމެ އިސް ސަފުގައި ތިބޭ ބަޔަކަށް ޒުވާނުން މިއަދު ވާންޖެހޭ ކަމަށެވެ.
"ގައުމުގެ ޒުވާނުން މިއަދު ހިތްވަރާ ޢަޒުމާއެކު ނުކުންނަންވީ ޤައުމު ބިނާކޮށް، ޤައުމުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބެ، ގައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރުމަށެވެ. ކުށުގެ ވެށިން ދުރުވެ، ކުށްވެރި އަމަލުތައް ގައުމުގައި ހިނގުން މަދުކުރުމުގެ އެންމެ އިސް ސަފުގައި ތިބޭ ބަޔަކަށް ޒުވާނުން ވުމަށެވެ. ޒުވާނުންގެ ކުރިއެރުމަށް ކުރެވޭ ގައުމީ މަސައްކަތް ބަލައިގަތުމަށެވެ" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މުއައްސަސާތަކުން މަސައްކަތް ކުރަންވީ ދިވެހިންގެ ކިބައިގައިވާ މެހްމާން ދާރީ އަދާކުރުމާއި އެކުވެރި ކަމާއި އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމުގެ ގުޅުންތައް ދަމަހައްޓުމަށް ކަަމަށެވެ. އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ފަތުރުވެރިން ސިފަކުރާ މި ގައުމުގެ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް ދުނިޔޭގެ އެންމެ ސުލްޙަވެރި ގައުމުގެ ގޮތުގައި ހެދުމުގެ މަސައްކަތް އިތުރު ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނީ ގައުމުގައި ސުލްޙަ މަސަލަސްކަން ގާއިމްވެ ދެމި އޮވެގެން ކަމަށާއި އެހެންކަމުން މިފެށޭ އަހަރު ވެސް ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާން ކަމަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ޚާއްސަކޮށް، ކުރާ ކަމަކުން ދައްކާ ވާހަކައަކުންވެސް ގައުމުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަށް އަސަރުކޮށް ގައުމަށް ދެރައެއް ލިބޭނެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ހުސައިން ވަހީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސީޕީ ވިދާޅުވިގޮތުގައި މި ފެށުނު އާ އަހަރުވެސް ފުލުހުން އެންމެ އިސްކަމެއްދޭނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގައި ސުލްޙަ މަސަލަސްކަން ގާއިމް ކުރުމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހެނު ކޮންމެ ކަމެއް ވެސް ފުލުހުން ކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.